ބޮޑުމީހަކަށްވީ ފަހުން ހަޔާތުގެ ދެބައިކުޅަ އެއްބައި ހޭދަކުރެއްވީ ޖަލުގައި ކަމަށާއި ދާން ޖެހިއްޖެއްޔާ އަދި ވެސް ދާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ވަޑައިގަންނަވަނިކޮށް، ބޭސްފަރުވާއަކަށް ވަޑައިގަންވަން ހުއްދަ ދިނުމުން އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވަމުން އެގައުމުގެ ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެ އަށް އެނބުރި ވަޑައިގަންނަވާނީ ރަނގަޅު ވަގުތުޖެހުމުން ކަމަށެވެ.

"އަހަރެން ވާނީ ބޮޑުމީހެއްގެ ގޮތުގައި ހޭދަކުރި ހަޔާތުގެ ރަނގަޅު ދެބައިކުޅަ އެއްބައި ޖަލުގައި ހޭދަކޮށްފައި. އަހަރެންނަށް ލާއިންސާނީ އަނިޔާ ދެފަހަރު ދިން. ދާން ޖެހިއްޖެއްޔާ އަހަރެން މިހިރީ ތައްޔާރަށް،" ނަޝީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ނަޝީދު އަދި ވިދާޅުވެފައި ވަނީ ދަތުރުކުރައްވައި ވަކާލާތު ކުރެއްވޭނެ ފުރުސަތު އެމަނިކުފާނަށް އޮތުމަކީ ޑިމޮކްރަސީ އަށް މަސައްކަތްކުރާ އެންމެންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމަށެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެ އަށް އެނބުރި ވަޑައިގަންނަވާނީ ހާލަތު ރަނގަޅުވުމުން ކަމަށެވެ.

"ސުވާލަށް އޮތް ކުރު ޖަވާބަކީ އަޅުގަނޑު ދާނަމޭ، ނަމަވެސް ދިއުމުގެ ކުރިން އަޅުގަނޑު ބަލަން ޖެހޭ ހާލަތު ރަނގަޅުވޭތޯ. ރައީސް ޔާމީނު އެންމެ ކުޑަމިނުން މިނިވަން ކުރައްވަން ޖެހިވަޑައިގަންނަވާނެ ސިޔާސީ ހައްޔަރީން. އަޅުގަނޑުމެން ހަ މީހުން ނުވަތަ ހަތް މީހުން،" ފަރުވާ ނިމުމުން އެނބުރި ރާއްޖެ އަށް ވަޑައިގަންނަވާނަންތޯ ދަ ހިންދޫ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.