10 Mar 2016, 19:03
ވަގުތު އޮންލައިންގެ ނޫސްވެރިޔަކު ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.
ވަގުތު އޮންލައިންގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ މިއަދު 2:00 އަށް އެ ނޫހުގެ އެޑިޓަރެއް ކަމުގައިވާ އާދަމް ނަވާޒު ހާޒިރުކޮށް ދޮގު ތުހުމަތުތަކެއްކޮށް ސުވާލުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެންމެ ފުރަތަމަ އެ ކޯޓުގެ މުވައްޒަފުން ނަވާޒާ ކުރި ސުވާލަކީ އެއްވެސް ގާނޫނީ ވަކީލަކު ކުރި ޓްވީޓަކާ ގުޅިގެން ޚަބަރެއް ލިޔުނުތޯ ކަމަށެވެ.
އެ ސުވާލުގެ ޖަވާބުގައި އެފަދަ ޚަބަރެއް ލިޔެފައިނުވާނެ ކަމަށް ނަވާޒު ބުނި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ދެވަނަ އަށް ކުރި ސުވާލަކީ އެއްވެސް މީހަކު އެސްއެމްއެސް އެއްކޮށް ނުވަތަ ފޯނުންގުޅައި ވަކިގޮތަކަށް ޚަބަރެއް ލިޔުމަށް އެންގާފައިވޭތޯ ކަމަށް ވަގުތު އޮންލައިންގެ އޮފިޝަލް ވިދާޅުވިއެވެ.
އެ ސުވާލުގެ ޖަވާބުގައި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފައިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ވަގުތު އޮންލައިންގައި ލިޔާ ޚަބަރުތަކުގެ ސަބަބުން ބައެއް މީހުން އެ ކޯޓުގައި ހެކިބަސްދިނުމަށް ފަސްޖެހެމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނި ކަމަށެވެ. ނަމަވެސް އެއީ އެ ނޫހުގައި ލިޔުނު ކޮން ޚަބަރަކާ ގުޅިގެން ކަމެއް ނުވަތަ ކޯޓުގައި އޮތް ކޮންމައްސަލައެއް ކަމެއް ވެސް ބުންފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މައުލޫމާތެއް ސާފުކޮށްލަން ކޯޓަށް ހާޒިރުވާން އަނގަބަހުން ނަވާޒަށް އެނގުމުން ލިޔުމުން އެންގުމުން ނޫނީ ކޯޓަށް ހާޒިރުނުވާނެ ކަމަށް އަންގާފައިވާނެ ކަމަށް އޭނާ ބުނި ކަމަށެވެ. އެހެންކަމުން ޗިޓެއް ފޮނުވައިގެން އޭނާ ހާޒިރުކުރީ ކަމަށް މަނިކު ވިދާޅުވިއެވެ.
މަނިކު ވިދާޅުވީ ނޫސްތަކުގައި ލިޔާ ލިޔުންތަކުގެ ސަބަބުން ހެކީންނަށް ނުފޫޒުފޯރާނަމަ ކުރިއަށްއޮތްތަނުގައި ވެސް ނޫސްވެރިން ކޯޓަށް ހާޒިރުކޮށް ސުވާލުކުރާނެ ކަމަށެވެ.