11 Mar 2016, 13:27
މުސްލިމުންގެ ސިއްރުތައިކާއި، ގައުމުގެ އަމުނަށާއި ހަމަޖެހުމަށް ލޮޅުމެއް ގެނެސްފާނެ ސިއްރުތައް ބޭޒާރުކޮށް ފެތުރުމަކީ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ހުކުރު ހުތުބާގައި ބުނެފައި ވަނީ، ގައުމުގެ ސިއްރުތައް ބޭޒާރު ކުރުން ހަރާމް ކުރައްވާފައި ވަނީ އެކަމުގެ ސަބަބުން ގައުމު ހަލާކުވެ ދުޝްމަނުންނަށް ގައުމުގެ ކަންތައްތަކާ ބެހުމަށް ދޮރުހުޅުވިގެން ހިނގައިދާނެތީ ކަމަށެވެ.
އެގޮތުން އިސްލާމްދީނުގައި އިންސާނުންގެ އަބުރު ރައްކާތެރިކޮށް، އަބުރާ ބެހުން މަނާ ކުރެއްވީވެސް އެ މަގުސަދުގައި ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.
"މުސްލިމުންގެ ސިއްރުތަކާ، އެމީހުންގެ ގައުމުގެ އަމުނަށާއި ހަމަޖެހުމަށް ލޮޅުމެއް ގެނެސްފާނެ ސިއްރުތައް ބޭޒާރުކޮށް ފެތުރުމަކީ އިސްލާމްދީން ހަރާމްކުރައްވާފައިވާ ކަމެކެވެ،" ހުތުބާގައިވެ އެވެ.
ހުތުބާގައި ސިއްރު ބޭޒާރު ކުރުން ހަރާމް ކަމަށް ބުނެ ދަލީލު ދައްކާފައި ވަނީ އިސްލާމްދީނުގައި ޤަޛްފު ކުރުން މަނާކުރައްވާފައިވާ ވަހީ ބަސްފުޅުންނެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައި ވަނީ ދޮގު ހަބަރާއި މައުލޫމާތު ފެތުރުމުގެ ނުބައިކަމުގެ މައްޗަށެވެ.