އުތުރު ކޮރެއާއިން ކަނޑު އަޑިއަށް ފޮނުވާފައިވާ ސަބްމެރިނަކާ މިދިޔަ ހަފްތާގައި މުވާސަލާތީ ގުޅުން ކެނޑި، އެ ސަބްމެރިން "ގެއްލިފައި" ވާ ކަން އެމެރިކާއިން ފަޅައި އަރުވާލައިފި އެވެ.

ދެކުނު ކޮރެއާއާއި އެމެރިކާއިން، އެކުގައި ގުޅިގެން މިލިޓަރީ ތަމްރީނުތަކެއް ކުރިޔަށް ގެންދާތީ، އުތުރު ކޮރެއާއިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އުތުރު ކޮރެއާއިން ދާދި ފަހުން ވަނީ ނިއުކްލިއާ ޓެސްޓެއް ހަތަރުވަނަ ފަހަރަށް ކޮށްފަ އެވެ.

އެމެރިކާއިން ބުނީ، މިދިޔަ ހަފްތާގައި އުތުރު ކޮރެއާގެ ސަބްމެރިން، އެގައުމުގެ އިރުމަތީ އައްސޭރީގައި ހަރަކާތްތެރިވަމުން ދިޔަ ގޮތް އެމެރިކާއިން ދިޔައީ ގާތުން ބަލަމުން ކަމަށެވެ. އަދި އެ ސަބްމެރިން ހުއްޓި، އެއާ މުވާސަލާތީ ގުޅުން ކެނޑި އެ "ގެއްލުނު" ހިސާބުން، އުތުރު ކޮރެއާގެ އަސްކަރިއްޔާއިން އެ ހޯދުމަށް މަސައްކަތް ކުރި ކުރުން އެމެރިކާގެ ސެޓެލައިޓުތަކާއި، އެއާކްރާފްޓްތަކާއި މަނަވަރުތަކުން ދިޔައީ ބަލަމުންނެވެ.

އެމެރިކާއިން ބުނާ ގޮތުގައި، އެ ސަބްމެރިންއާ ގުޅުން ކެނޑެން ދިމާވީ އުތުރު ކޮރެއާއިން ކުރިޔަށް ގެންދިޔަ މިލިޓަރީ އެކްސަސައިޒުގައި ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް ސަބްމެރިން ފެތިއްޖެތޯ، ނުވަތަ އަދިވެސް ކަނޑުގައި ދަތުރުކުރަމުން ދޭތޯ ބުނަން ނޭނގޭ ކަމަށް އެމެރިކާއިން ބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުތުރު ކޮރެއާއިން ވަނީ، ކޮރެއާ ޕެނިންސުލާގެ އިރުމައްޗަށް ކުރު ރާސްތާގެ ދެ ބެލިސްޓިކް މިސައިލް ވެސް ފޮނުވައިފަ އެވެ.

މަސްދަރު: ސީއެންއެން