12 Mar 2016, 17:54
ހުކުރު ދުވަހުގެ ހުތުބާ އަކީ އަބަދުވެސް ބައެއް ފަރާތްތަކަށް ސިޔާސީވެފައިވާ އެއްޗެއް ކަމަށް އައް ޝައިޚު މުޙައްމަދު ސަމީރު އިބުރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ފަހަކަށް އައިސް ހުކުރު ހުތުބާތަކަށް ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ފާޑު ވިދާޅުވުމާ ގުޅޭގޮތުން "ސަން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީރު ވިދާޅުވީ ބައެއް ފަރާތްތަކުން ކުރާ ކަންތައްތަކާ ދެކޮޅަށް ހުތުބާއެއް ކިޔައިފި ކަމަށްވާ ނަމަ އެ ހުތުބާއަކީ ސިޔާސީ ހުތުބާއެއް ކަމަށް ބައެއް ފަރާތްތަކުން ސިފަ ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މުޖުތަމައުގައި ހުންނަ ނޭދެވޭ ކަންތައްތަކަކީ ހުތުބާ ތަކުގައި އަބަދުވެސް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ.
"މުޖުތަމައުގައި ކަމެއް ގޯސްކޮށްދާކަން ފާހަގަވާ ކަމަށްވާ ނަމަ އެކަމާ ގުޅޭ ގޮތުން ހުތުބާ ކިޔުމަކީ މައްސަލައެއް ނޫން. ހުތުބާ ތައްޔާރު ކުރަމުން މިދަނީ މުޖުތަމައު އަކަށް އެއިރެއްގައި އެންމެ ބޭނުންތެރިވާ ކަންކަމަށް އަމާޒުކޮށްގެން ހުތުބާ މި ތައްޔާރު ކުރަނީ. ދެން ހުތުބާ ސިޔާސީ ވަނީއޭ، އެ ވާހަކައަކީ އަބަދުވެސް ދައްކާ ވާހަކައެއް،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވަނީ ހުތުބާތަކުގައި މި ފަހަކަށް އައިސް ކުށް ހުންނަ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަފުޅުދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ހުތުބާ އަކީ ވެސް އިންސާނެއްގެ މަސައްކަތެއް ކަމަށާއި އެހެން ކަމުން ހުތުބާގައި ކުށެއް ނެތި ނުދާނޭ ދަންނަވަން ދަތި ކަމަށެވެ.
"ހަމައެކަނި ފަހުން އައިސް މި ކިޔާފައިވާ ހުތުބާތަކެއް ނޫން. ދެން ހުރިހާ އިރެއްގައިވެސް، އިންސާނުންވީމަ ދެން ކުށް ހުންނާނެ. އެގޮތުން ކުދި ކުދި ކުށް ހުރޭ. އެކަމަކު އެއީއެއް މާ ބޮޑެތި އިޝޫއެއް ނޫން. ސީދާ ގަސްތުގައި އޮޅުވާލާފައި ނޫނިއްޔާ ނުބައިކޮށް އެހެން ހުންނަނީއެއް ނޫން،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ބައިނަލްއަގުވާމީ ތަފާތު ދުވަސްތަކާ ގުޅޭގޮތުން ހުތުބާ ހަދާތީ އެކަމާ އުނދަގުވެލައްވާ ކަމަށެވެ.
"ހުރިހާ ދުވަސްވަރެއްގައިވެސް. އެ ވާހަކަ ކުރީގެ ސަރުކާރުތަކުގައިވެސް މި ސަރުކާރުގައިވެސް ދެންނެވިން. އެކަހަލަ ދުވަސްތައް ފާހަގަކުރީމަ އަޅުގަނޑުމެންނަށް ޕާސަނަލީ ވަރަށް އުނދަގޫވޭ. މިސާލަކަށް ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ދުވަސް، އަނެއްކާ ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ދުވަސް. ރަނގަޅު މުޖުތަމައުގެ ހުރި މައްސަލަތަކަށް ހުތުބާ ކިޔުމަކީ މައްސަލައެއް ނޫން." ސަމީރު ވިދާޅުވި އެވެ.