13 Mar 2016, 18:40
ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބައިވެރިނުވާން އެމްޑީޕީން ނިންމާފައި ވަނިކޮށް، އަނެއްކާވެސް މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން އެމްޑީޕީއަށް ދައުވަތު ދީފި އެވެ.
މިއީ ސަރުކާރުން އެމްޑީޕީއަށް މަޝްވަރާތަކަށް ދައުވަތު ދިން ހަތަރު ވަނަ ފަހަރެވެ. ސަރުކާރުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލުޔެއް ދިނުމުގެ ގޮތުން މަޝްވަރާ ކުރުމަށް ކުރިންވެސް އެ ޕާޓީއަށް ދައުވަތު ދީފަ އެވެ. އަދި އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭއްވޭ މަޝްވަރާތަކަށް ވެސް ދެފަހަރެއްގެ މަތިން އެޕާޓިއަށް ވަނީ ދައުވަތު ދީފައެވެ.
ނަމަވެސް އެމްޑީޕީ އިން މިހާތަނަށް ސަރުކާރުގެ އެއްވެސް ދައުވަތެއް ގަބޫލުކޮށްފައެއް ނުވެ އެވެ.
ރައީސް އޮފީހުން މިއަދު ބުނެފައި ވަނީ ރައީސް އަބްދުﷲ ޔާމީން ކުރިއަށް ގެންދަވަން ނިންމެވި މަޝްވަރާތަކަކީ ހުރިހާ ސިޔާސީ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަކަށްވެސް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ މަޝްވަރާތަކަކަށްވާތީ، އެމްޑީޕީގެ ކަންބޮޑުވުންތަކާބެހޭގޮތުން މަޝްވަރާކުރުމަށް މާދަމާ 2:30 އަށް ރައީސް އޮފީހަށް ދިއުމަށް ދައުވަތު ދޭކަމަށެވެ.
އެ މަޝްވަރާތަކަށް ސަރުކާރުން އިސްނަގާފައިވަނީ ހުރިހާ ފަރާތްތަކަކަށް އިތުބާރުހިފޭ މާޙައުލެއް ގާއިމުކޮށް، ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށް މަސައްކަތްކުރުން ކަމަށާއި އެހެން ކަމުން ހެޔޮ ނިޔަތުގައި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި އެމްޑީޕީން ބައިވެރިވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީއާ ނުލައި ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު ކުރިއަށްގެންދާ މަޝްވަރާތައް ފެށީ މާރިޗު މަހުގެ ދެވަނަ ދުވަހު އެވެ.
މަޝްވަރާގެ ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ ސަރުކާރު ހިންގާ ޕީޕީއެމާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އެވެ.
އެ ހަތަރު ޕާޓީން ބުނެފައިވާގޮތުން އެޕާޓީތަކުން މަޝްވަރާތަކުގައި ބައިވެރިވީ ގައުމަށް އަންނަން އޮތް ތަރައްގީ އާއި ރައްޔިތުންނަށް ލިބިދޭންޖެހޭ ހަމަޖެހުން ފަދަ ކަންތައްތައް ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާއަކީ ކޮންމެހެން ވެސް މުހިންމު ކަމެއް ކަމަށް ދެކޭތީ އެވެ.
ނަމަވެސް އެމްޑީޕީ އަދި އަދާލަތު ޕާޓީން ބުނެފައި ވަނީ މަޝްވަރާ ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށާއި، ސަރުކާރުގެ އިހުލާސްތެރިކަންވެސް ނެތް ކަމަށެވެ. އަދި މަޝްވަރާތަކަށް ދާނީ "ސިޔާސީ ހައްޔަރީން" ދޫކޮށްލުމުން ކަމަށްވެސް ބުނެފައިވެ އެވެ.