އިނގިރޭސި އެފްއޭ ކަޕްގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން އާސެނަލް ރޭ ކުޅުނު މެޗުން 1-2ގެ ނަތީޖާ އަކުން ވެޓްފޯޑް އަތުން ބަލިވެ މުބާރާތާ އަލްވަދާއުކީއިރު މެންޗަސްޓާ ޔުނައިޓެޑާ ވެސްޓް ހަމް ޔުނައިޓެޑް ކުޅުނު މެޗު 1-1ގެ ނަތީޖާ އަކުން އެއްވަރުވެ ރީޕްލޭ މެޗެއް ކުޅުން ޖެހިއްޖެ އެވެ.

އާސެނަލްގެ އެމެރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އެމެޗުގައި ވެޓްފޯޑްން ކާމިޔާބްކުރި ދެ ގޯލުވެސް ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފްގެ ކުރީ ކުޅޮގަ އެވެ. އެ ޓީމަށް މެޗުގެ ލީޑް ލިބިގެންދިޔައީ 50 ވަނަ މިނެޓްގައި އޮޑިއޮން އިގާލޯގެ ގުލުންނެވެ. އަދި މެޗުގެ 63 ވަނަ މިނެޓްގައި، ގުއެޑިއޯރާ ވަނީ ވޮޓްފޯޑްއަށް ދެވަނަ ގޯލެއް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފަ އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި އާސެނަލް އާއި ވެޓްފޯޑް ކުޅުނު މެޗުގައި ސަންޗޭޒް ބޯޅަ ހިފައިގެންދާ އިރު ވެޓްފޯޑްގެ ކުޅުންތެރިއަކު ބޯޅަ ހޯދުމަށް މަސަތްކަތް ކުރަނީ --- ފޮޓޯ: އޭޕީ

ވޮޓްފޯޑުން ދެ ގޯލުގެ ލީޑަކާއި އެކު އޮތް އިރު އާސެނަލް އިން ދިޔައީ ގޯލެއް ކާމިޔާބްކުރުމަށް ވަރަށް ބޮޑަށް މަސަތްކަތް ކުރަމުންނެވެ. އާސެނަލްގެ ހަމައެކަނި ގޯލު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކް އެވެ. އެ ގޯލަށް ފަހު ވެސް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ވެލްބެކްއަށް ވަނީ ލިބި ބޭކާރުވެފަ އެވެ.

ވޮޓްފޯޑްގެ އިތުރުން ދެން މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައި ވަނީ، އެވަޓަން އާއި ކްރިސްޓަލް ޕެލެސް އެވެ.

އިނގިރޭސި އެފްއޭ ކަޕްގައި ޔުނައިޓެޑާ ވެސްޓް ހަމް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ސެމީގެ ފަހު މެޗުގައި ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު އެ މެޗުގައި ވެސްޓް ހަމް އިން ރަނގަޅު ކުޅުމެއްދެއްކި އިރު މެޗުގެ ލީޑް ވެސް ފުރަތަމަ ނެގީ އެ ޓީމުންނެވެ. އެގޮތުން މެޗުގެ 68 ވަަނަ މިނިޓްގައި ވެސްޓް ހެމް އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލީޑުނަގައިދިނީ ޑިމިޓްރީ ޕަޔެޓެވެ. ޔުނައިޓެޑްގެ ގޯލު މެޗުގެ 88 އަށް ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ އެންތަނީ މާޝިއަލް އެވެ.

އެފްއޭ ކަޕްގެ ސެމީގެ ފަހު ޖާގަ ލިބޭނީ ވެސްޓް ހަމް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.