15 Mar 2016, 10:01
ރައީސުލްޖޫމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލަން ސްރީލަންކާ އިން ރާއްޖެ އަށް ގެނައި ކަމަށް ތުހުމަތު ކުރާ ސްނައިޕަރުގެ ބަންދުގެ މުއްދަތު 13 ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ ސުނައިޕަރުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން 13 ވަނަ ފަހަރަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާގެ ބަންދުގެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެ ކަމަށެވެ.
ސްނައިޕަރު ރާއްޖެ ގެނައި މައްސަލާގައި ހައްޔަރުކުރި ތިން މީހުން މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ސުނައިޕަރެއް ކަމަށް ބުނެ ފުލުހުން ހައްޔަރުކުރީ ހިކިމަސް ގަންނަން ރާއްޖެ އައި މީހެއް ކަމަށް ބުނެ ދައްކާ ވާހަކަތަކީ ހަގީގަތެއް ނޫން ކަމަށެވެ.
އުމަރު ވިދާޅުވީ ސުނައިޕަރުގެ މައްސަލަ އަކީ ވަރަށް ވަރުގަދަ މައްސަލައެއް ކަމަށާއި ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.
ލަހިރު މަދުޝަންކަގެ އާއިލާ އިން ވަނީ އޭނާ ހައްޔަރުކުރުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭނާ މިނިވަންކުރުމަށް ލަންކާ ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ފަށައިފަ އެވެ. ނަމަވެސް ރާއްޖެ އިން ލަންކާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒާހިޔާ ޒަރީރު ވަނީ ސުނައިޕަރު ހައްޔަރު ކުރި މައްސަލައާ ގުޅޭ ތަފްސީލީ މައުލޫމާތު ލަންކާ ސަރުކާރާ ހިއްސާ ކުރައްވައިފަ އެވެ.
ލަންކާގައި ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ލީފަލް އެފެއާޒު މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ސުނައިޕަރު ހައްޔަރުކޮށްފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން އެކަށީގެންވާ ހެކި ހުރުމުން ކަމަށެވެ.
ލަހިރު މަދުޝަންކަ ހައްޔަރުކުރި ދުވަސްވަރު ފުލުހުންނާއި ސިފައިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ހިބަޅިދޫ ފަޅުތެރެއިން ފުލުހުން ވަނީ ހަނގުރާމަވެރި ހަތިޔާރުތަކެއް ހޯދާފަ އެވެ.
ފުލުހުންނާއި ސިފައިން ހިބަޅިދޫން ހޯދި ހަތިޔާރުތަކުގެ ތެރޭގައި ސްނައިޕަރު ރައިފަލެއްގެ ވަޒަނަކާއި ދުރުމިއެއް ހިމެނެ އެވެ.
ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލަން ބޭނުންކުރި އެއްޗާއި ހިބަޅިދޫން ފެނުނު ހަތިޔާރަކީ ގުޅިލާމެހިފައިވާ އެއްޗެއް ކަމަށެވެ. އެހެންކަމުން ރިޔާސީ ލޯންޗުކޮޅުގެ މައްސަލައިގެ ތެރޭގައި އެ މައްސަލަ ވެސް ވަނީ ހިމަނާފައި ކަމަށް އުމަރު ވިދާޅުވި އެވެ.