ނޭޕީޑޯ (މާޗް 15): ފަންސާސް އަހަރުވީ އަސްކަރީ ވެރިކަމަށް ފަހު މިޔަންމާގެ ރައްޔިތުންގެ މަޖިލީހުން އަސްކަރިއްޔާ އަށް ނިސްބަތްނުވާ ރައީސަކު ހޮވައިފި އެވެ.

އެންއެލްޑީގެ ލީޑަރު އަންގް ސަން ސޫޗީގެ ގާތް ފަރާތެއް ކަމަށްވާ ޓިން ޗޯ، ރައީސް ކަމަށް ހޮވުނީ މަޖިލީހުގެ 652 ވޯޓުގެ ތެރެއިން 360 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި އެންއެލްޑީގެ އަނެއް ކެނޑިޑޭޓް ހެންރީ ވަން ތިއޯއަށް ލިބުނީ 79 ވޯޓެވެ. އަސްކަރިއްޔާގެ ފަރާތުން ވާދަކުރެއްވި މުޔިން ސުހެވޭ އަށް 213 ވޯޓު ލިބުނެ އެވެ. އެދެ ބޭފުޅުން ވާނީ މިޔަންމާގެ ނައިބު ރައީސުންނަށެވެ.

ހަތްދިހަ އަހަރުގެ ޓިން ޗޯ އަކީ އިނގިރޭސިވިލާތުން ތައުލީމު ހާސިލު ކުރެއްވި ބޭފުޅެކެވެ. ބައެއް ފަހަރު ސޫޗީގެ ޑްރައިވަރުގެ ގޮތުގައި ފެނިގެންގޮސްފައިވާ ޗޯއަކީ ސޫޗީގެ ޗެރިޓީ ހިންގުމުގައި އިސްދައުރެއް އަދާ ކުރާ ފަރާތެކެވެ.

ޓިން ޗޯ ރައީސްކަމުގެ ހުވާ ކުރައްވާނީ މިމަސް ނިމުމުން، މިހާރުގެ ރައީސް ތެއިން ސެއިން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މިޔަންމާގެ ގާނޫނު އަސާސީގައިވާ ގޮތުން ބޭރު ގައުމަކަށް ނިސްބަތްވާ އާއިލާގެ މީހަކު ހުންނަ މީހަކަށް މިޔަންމާގެ ވެރިކަން ނުކުރެވޭނެ އެވެ. ސޫޗީގެ ދެދަރިކަލުންނަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ ދެބޭފުޅުން ކަމުން، އެގައުމުގެ ގާނޫނު އަސާސީގެ ދަށުން ސޫޗީއަށް މިޔަންމާގެ ރައީސްކަން ނުކުރެވޭނެ އެވެ. ނަމަވެސް، ސޫޗީ ވަނީ އޭނާ ވެރިކަން ކުރައްވާނީ "ރައީސަށް ވުރެ ވެސް މަތިން" ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)