16 Mar 2016, 09:30
ދެހާސް އެއްސަތޭކަ ވަނަ އަހަރަށް ދާއިރު އެމެރިކާގެ އައްސޭރި ފަށުގެ ސަރަހައްދުތައް ކަނޑުގެ އަޑިއަށްގޮސް އެމެރިކާގެ އާބާދީގައި ހިމެނޭ އެތައް މިލިޔަން ބަޔަކު ތޫފާންތަކާއި ތިމާވެށީގެ މައްސަލަތަކުގައި މަރުވެގެންދާނެ ކަމަށް ތިމާވެއްޓާ ބެހޭ އިލްމުވެރިން ކުރި ދިރާސާއެއް ބުނެފި އެވެ.
ތިމާވެއްޓާ ބެހޭ ދިރާސާތައް ޝާއިޢުކުރާ މަޖައްލާއެއް ކަމަށްވާ ނޭޗާގައި ޝާއިޢުކޮށްފައިވާ ދިރާސާއެއް ބުނާ ގޮތުން ކުރިޔަށްއޮތް 80 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ކަނޑުތަކުގެ ލޮނުގަނޑު 1.8 މީޓަރަށް އުފުލި ދުނިޔެ މިހާތަނަށް ދެކެފައިނުވާ ފަދަ ބޮޑެތި ތޫފާންތައް އެކިގައުމުތަކަށް ކުރިމަތިވާނެ އެވެ. އަދި މިފަދަ ތޫފާންތައް އެންމެ ގިނައިން ކުރިމަތިވާނެ ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭކަމުގަ އެވެ. އެމެރިކާއަށް ކުރިމަތިވާނެކަމަށް ސައެންސްވެރިންގެ ދިރާސާ އިން ދައްކާ ތޫފާންތަކުގެ ތެރޭގައި ބޮޑެތި ރާޅުތައް އެރުމާއި ބިންހެލުންތައް އައުމާއި އިންސާނުންގެ ފުރާނައަށް ނުރައްކާވާ ފަދަ ގަދަފިނީގެ ތޫފާންތަކާއި ގަދަފަދަ ނަގޫރޯޅިތައް ހިމެނެ އެވެ.
މިތޫފާންތައް އަންނާނެ ކަމަށް ބެލެވެނީ މިހާރު މިތަކެތި އަންނަ ވަރަށް ވުރެ އެތައް ގުނައެއް ބާރުގަދަކޮށްކަމަށާއި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާނެ ކަމަށް ބެލެވޭ ތޫފާންތަކެއް ކަމަށް ވެސް މިދިރާސާ ބުނެ އެވެ. މިގޮތުން 2100 ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާއާއި ގަލްފު އޮފް މެކްސިކޯ ސަރަހައްދުގެ އާބާދީގައި ހިމެނޭ މީހުންގެ ތެރެއިން 131 މިލިޔަން މީހުން ތިބޭނީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއްގައި ކަމަށް މިދިރާސާ ބުނެ އެވެ.
މިދިރާސާ ކުރެއްވި ސައެންސްވެރިން އެމެރިކާ އާއި ގަލްފު އޮފް މެކްސިކޯ ސަރަހައްދުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވަނީ ދުރާލައި ވިސްނައިގެން އެހެން ގައުމުތަކަށް ހިޖްރަ ކުރުމަށެވެ. ގަލްފު އޮފް މެކްސިކޯ ސަރަހައްދަކީ މިހާރުވެސް ބާރުގަދަ ތޫފާންތައް އުފެދޭ ސަރަހައްދެކެވެ. ( ނޭޗަރ)