ހުޅަނގުގެ ލެބެރަލް ފަލްސަފާގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީތައް ދުނިޔޭގައި މަދުވަމުންދާ ކަމަށް އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަށްވާ ވޮޝިންޓަން ޕޯސްޓުން ބުނެފި އެވެ.

އެ ނޫހުގައި ޝާއިޢުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިކަމުގެ ނިޒާމުތައް އިންތިޚާބީ އުސޫލުގެ މައްޗަށް ބިނާވެފައިވީ ނަމަވެސް ހުޅަނގުން ފަތުރަން ބޭނުންވާ ލެބަރަލް އުސޫލުތަކަށް ތަބާވަނީ އޭގެތެރެއިން މަދު ޑިމޮކްރަސީތަކެކެވެ. ހުޅަނގުން ފަތުރަން ބޭނުންވާ ލެބަރަލް އުސޫލުތަކަށް ތަބާނުވާ ޑިމޮކްރަސީތަކަކީ ޑިމޮކްރަސީ ކަމަށް ގަބޫލުކުރަން ހުޅަނގުން ފަސްޖެހޭކަމަށާއި އެ ގައުމުތަކުގެ ޝަރުއީ ނިޒާމުތަކަށް ވެސް ހުޅަނގުން އިޙްތިރާމް ނުކުރާކަމަށް މިރިޕޯޓް ބުނެ އެވެ.

ކުރިން ލެބެރަލް ފިކުރު ގެންގުޅުނު ގައުމުތަކުން ވެސް މިހާރު އެފިކުރަށް ތަބާނުވާ ކަމަށާ ހުޅަނގުގެ ލެބަރަލް ފިކުރުގެ ވެލިޔުސްތައް ކަމަށްވާ ޓްރާންސްޕޭރަންސީއާއި އިންސާނީ ހައްގުތަކާ އަދި ރޫލްއޮފް ލޯ އަދި ދީނީ މިނިވަކަމާއި ޖިންސީ ގުޅުމުގެ މިނިވަންކަން ފަދަ ވެލިޔުސްތަކަށް ތަބާވާ ގައުމުތަކުގެ އަދަދު ދަށަށް ދާންފަށާފައިވާކަން މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. މިރިޕޯޓްގައި ހުޅަނގުގެ ގައުމުތަކަށް ވެސް ފާޑުކިޔާފައިވެ އެވެ. މިގޮތުން ހުޅަނގުގެ އަމިއްލަ ލެބަރަލް ފިކުރުތަކާ އަދި އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ޚިލާފަށް ޓެރަރިޒަމާ އިދިކޮޅު ހަނގުރާމައާއި އެނޫން ވެސް ގައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި ހުޅަނގުގެ ގައުމުތަކުން އަމަލުކުރަމުން ގެންދާކަން ފާހަގަކޮށްފައިވެ އެވެ.

ހުޅަނގުގެ ޑިމޮކްރަސީ ޕްރޮމޯޓްކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާ އެއްކަމަށްވާ "ފްރީޑަމް ހައުސް" އިން ކޮށްފައިވާ ސާވޭ އެއްގެ ނަތީޖާ ދައްކާގޮތުން ހުޅަނގުގެ ލެބެރަލް ފިކުރުގެ މަގްބޫލުކަން ދުނިޔޭގައި ދަނީ ކުޑަވަމުންނެވެ. މިގޮތުން 1990 ވަނަ އަހަރާއި 2005 ވަނަ އަހަރާ ދެމެދު ހުޅަނގުގެ ލެބަރަލް ފިކުރު ގަބޫލުކުރާ އަދި އެއާއެއްގޮތަށް އަމަލުކުރާ ޑިމޮކްރަސީތައް 76 ން 119 އަށް އިތުރުވެފަ އެވެ. ނަމަވެސް އެއަށް ފަހު ހުޅަނގުގެ ލެބަރަލް ފިކުރުގެ ޑިމޮކްރަސީތައް ވަނީ 76 ން 65 އަށް ދަށަށްގޮސްފަ އެވެ. މިދިރާސާ ބުނާ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުގައި ޑިމޮކްރެޓިކް ހަމަތައް ގެންގުޅެ އެވެ. ނަމަވެސް މީގެތެރެއިން ގިނަ ގައުމުތަކަކީ ހުޅަނގުގެ ލެބެރަލް ފިކުރަށް ތަބާނުވާ ޑިމޮކްރަސީތަކެވެ.

ހުޅަނގުގެ މައްސަލައަކީ ހުޅަނގުން ފަތުރަން ބޭނުންވާ ލެބަރަލް އުސޫލުތަކަށް ތަބާނުވާ ޑިމޮކްރަސީ ތަކަކީ ޑިމޮކްރަސީ ކަމަށް ގަބޫލުކުރަން ފަސްޖެހޭ މައްސަލައެވެ. (ވޮޝިންޓަން ޕޯސްޓް)