17 Mar 2016, 11:58
ވޮޝިންޓަން (މާޗް 17): އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އެންޓޯނިން ސެކޭލިއާ މިދިޔަ މަހު އަވަހާރަވުމުން ހުސްވި ގޮނޑިއަށް ފަނޑިޔާރު، މެރިކް ގާލަންޑްގެ ނަން އެ ގައުމުގެ ރައީސް ބަރަކް އޮބާމާ ހުށަހަޅުއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ އާފަނޑިޔާރު ކަމަށް އޮބާމާ ނަމެއް ހުށަހެޅުއްވީ އާ ފަނޑިޔާރަކު ހޮވަން ޖެހޭނީ މިއަންނަ ނޮވެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުން ހޮވޭ ރައީސް ކަމަށް އެ ގައުމުގެ އިދިކޮޅު، ރިޕަބްލިކަން ޕާޓީން ބުނެފައި ވަނި ކޮށެވެ. އަދި އޮބާމާ އިއްޔެ ނަން އިއުލާން ކުރެއްވުމާ އެކު ރިޕަބްލިކަން ޕާޓީން ވަނީ ފަނޑިޔާރު އައްޔަން ކުރަން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ގާނޫނީ މާހިރުން ވިދާޅު ވަނީ އެއީ ދުސްތޫރީ ގޮތުން އޮބާމާ އަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
"ކޮންމެ ގޮތަކަށް ވިޔަސް، އަޅުގަނޑުމެންނަށް ފެންނަ ގޮތަކީ މިއީ. މިހާރު ހުސްވެފައިވާ ގޮނޑިއަށް ފަނޑިޔާރަކު ހޮވުމަށް ރައްޔިތުންނަށް ފުރުސަތު ދިނުން،" ސެނެޓުގެ މެޖޯރިޓީ ލީޑަރު އަދި ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މިޗް މެކޮނެލް ވިދާޅުވި އެވެ.
ނަމަވެސް، އޮބާމާ ވަނީ ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޮވުން ސެނެޓުން ލަސްކުރަމުންދާ ނަމަ އޭގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީ އަށް ފޫނުބެއްދޭނެ ގެއްލުން ވެދާނެ ކަމަށް ވިދާޅުވެފަ އެވެ.
"އޭގެ ސަބަބުން ސުޕްރީމް ކޯޓުގެ އަގު ވެއްޓޭނެ. ޖަސްޓިސް ސިސްޓަމަށް އޮންނަ އިތުބާރު ގެއްލޭނެ. އަޅުގަނޑުމެންގެ ޑިމޮކްރަސީ އަށް ވެސް އަސަރުކުރާނެ،" ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވި އެވެ.
ހާވާޑް ލޯ ސްކޫލުން ތައުލީމު ހާސިލު ކުރެއްވި ޖަޖް ގާލެންޑް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ނޮމިނޭޓްވުމަކީ އޭނާ އަށް ލިބިވަޑައިގަތް "އެންމެ ބޮޑު ޝަރަފު" ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ސުޕްރީމް ކޯޓުގެ މެމްބަރަކަށް ވުމަކީ އާއްމުންނަށް ހިދުމަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތް،" ގާލަންޑް ވިދާޅުވި އެވެ.