17 Mar 2016, 13:01
ނިއު ދިއްލީ (މާޗް 17): އިންޑިއާއަށް ކާމިޔާބީއަށް ނޭދޭނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި ހައިދަރުއާބާދުގެ މަޖިލިސް މެމްބަރެއްގެ ދޫ ބުރުކޮށްލި މީހަކަށް 10 މިލިއަން ރުޕީސް ދޭނެ ކަމަށް އިންޑީއާގެ ވެރިކުރާ ޕާޓީ، ބީޖޭޕީން ހުށަހަލައިފި އެވެ.
އޯލް އިންޑިއާ މަޖިލިސް އިއްތިހާދުލް މުސްލިމީން (އޭއައިއެމްއައިއެމް)ގެ ރައީސް، އަސައުއްދީން އޮވައިސީގެ ދޫ ކަނޑާލި މީހަކަށް 10 މިލިއަން ރުޕީސް ދޭނެ ކަމަށް ވިދާޅުވީ ބީޖޭޕީގެ އުއްތަރަ ޕްރަދޭޝްގެ ލީޑަރު، ޝިޔާމް ޕްރަކާޝް ވިވެޑީ އެވެ.
އޮވައިސީގެ ދޫ ކަނޑާލި މީހަކަށް އިނާޔަތެއް ދެއްވާނެ ކަމަށް ވިދާޅުވުމުގެ އިތުރުން ޑްވިވެޑީ ވަނީ އޮވައިސީ އަކީ އިންޑިއާއަށް ހިޔާނަތްތެރިވެފައިވާ މީހެއް ކަމަށް ބުނެ އޭނާއަށް އެ ގައުމުގައި ހުރުމުގެ ހައްގު ލިބެގެންނުވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އޭނާއަކީ ހިޔާނާތްތެރިއެއް ކަމަށް އަދި 'ބަހާރަތް މާތާ ކީ ޖޭ' ކިޔަން ދެކޮޅު ހަދާނަމަ އޭނާއަށް މިގައުމުގައި ހުރުމުގެ ހައްގު ލިބިގެން ނުވޭ. އޭނާގެ ދޫ ކަނޑާލަން ޖެހޭނެ އަދި އެކަން ކުރާ މީހަކަށް އެއް ކްރޯޑުގެ އިނާޔާތެއް ދޭނަން،" ޑްވިވެޑީ ވިދާޅުވި އެވެ.
'ބަހާރަތް މާތާ ކީ ޖޭ" ކިޔުމަކީ ޒުވާނުންގެ މެެދުގައި ގައުމީ ރޫހު އިތުރުކުރަން ކުރެވިދާނެ ކަމެއް ކަަމަށް އިންޑިއާގެ ހިލޭ ސާބަހަށް މަސައްކަތް ކުރާ އާރްއެސްއެސް ޖަމްއިއްޔާގެ ޗީފް، މޯހަން ބަގްވަތް ވިދާޅުވުމުން އެއަށް ރައްދު ދެއްވަމުން އޮވައިސީ ވިދާޅުވީ "ކަރުގައި ވަޅިއެއް ޖެއްސި ނަމަވެސް" އެސްލޯގަން ނުކިޔާނެ ކަމަށެވެ.
"ބަހާރަތް މާތާ ކީ ޖޭ ކިޔަން ޖެހޭ ކަމަށް އިންޑިއާގެ ގާނޫނު އަސާސީގެ އެއްވެސް ތަނެއްގައި ބުނެފައި ނުވޭ،" ހައިދަރުއާބާދުގެ މަޖިލިސް މެމްބަރު، އޮވައިސީ ވިދާޅުވި އެވެ. (އައިބީއެން)