17 Mar 2016, 16:43
ބަދަނާއި ހިއްކި ކާނާ ވިއްކުމަށް ހާއްސަ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.
މޫކައި ހޮޓާ ކުރިމަތިން ކަހަލަ ގޮތަކަށް ހުޅުވި "ރޯޔަލް ބައިޓްސް" ފިހާރަ ހުޅުއްވައިދެއްވީ އެމްޓީސީސީގެ ޑިރެކްޓަރުން ބޯޑުގެ ޗެއާމަން ހުސެއިން ސާލިމް މުހައްމަދެވެ.
އެ ފިހާރައިން ވިއްކާ ތަކެއްޗާއި ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އެފިހާރާގެ ވެރިޔާ މުހައްމަދު އަފްޝީން ވިދާޅުވީ، ސިއްހަތަށް ލޯބިކުރާ ފަރާތްތަކުން ބަދަން ކެއުމަށް އެދޭއިރު އެ ފިހާރާއިން އެކިވައްތަރުގެ ބަދަނާއި ހިއްކި ކާނާ ލިބެން ހުންނާނެ ކަމަށެވެ.
"އެކި ތަފާތު ނަޓްސް މި ގެންގުޅެނީ. އެކިގޮތަށް ޕްރޮސެސްކޮށްފައި ހުރި ނަޓްސް، ދެން ހުރި ކެޓަގަރީގައި މި ހުންނަނީ ޑްރައި-ފުޑްސް،" އަފްޝީން ވިދާޅުވި އެވެ.

މިއަދު ހުޅުވި "ރޯޔަލް ބައިޓްސް" ފިހާރަ-- ސަން ފޮޓޯ: އަހުމަދު ސާއިލް އަލީ
ރާއްޖެއިން މިހާރު ލިބެން ނެތް އާ ވައްތަރުތަކުގެ ބަދަން އެ ފިހާރައިން ލިބެން ހުންނައިރު އެތަކެތީގެ އަގުތައް ހުންނާނީ ރާއްޖޭގެ ބާޒާރުގައި މިހާރު އެފަދަ ބާވާތްތައް ލިބެންހުރި އަގުތަކުގައި ކަމަށް އަފްޝީން ވިދާޅުވި އެވެ.
އެ ފިހާރައިގައި އެކި ވައްތަރުގެ ބަދަން އެއްކޮށްފައި ހުންނަ ބަދަން ޕެކެޓުތަކާއި އެ ނޫން ތަފާތު ވައްތަރުތަކުގެ ބަދަންވެސް ވިއްކަން އެބަހުއްޓެވެ. ހަމައެއާއެކު އެކި މޭވާ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ހިއްކި ކާނާގެ ބާވަތްތައްވެސް އެފިހާރައިން ގަންނަން ލިބެއެވެ.