ސ. މަރަދޫ ހުދުހިރި އަހްމަދު މަފާޒު މަރާލުމުގެ ކުރިން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ތިން މީހުން ދޫކޮށްލައިފިއެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތިން މީހުންނަކީ ހ. ބްލޫބާޑް މުހައްމަދު މިދުހަތު އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދުގެ އިތުރުން މާލޭ ދަފްތަރު 1475 އަހްމަދު ރިޒާމެވެ.

ސަން އަށް އެނގިގައިވާގޮތުގައި ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހީމް ވަނީ އެ ތިން މީހުން ދޫކޮށްލުމަށް އިއްޔެ އަމުރުކޮށްފައެވެ. އެ އަމުރާއެއްގޮތަށް އެމީހުން މިހާރު ވަނީ މިނިވަންކޮށްފައެވެ. މިހާތަނަށް އެމީހުން ޖަލުގައި ބަންދުކޮށްފައި ތިބީ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބޭތިއްބުމަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެމީހުން ބަންދުން ދޫކޮށްލިއިރު، އެ މައްސަލައިގެ ހެކިބަސް ނަގައި އަދި ނުނިމެއެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 1:40 އެހާކަންހާއިރު ގ. މަސްއޮޑިގޭ ކައިރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައެވެ. ނަމަވެސް އެ ތިން މީހުން އޭނާ މަރާލުމުގައި ބައިވެރިވި ކަމުގެ ހެކި ލިބިފައިނުވާތީ އެމީހުންނާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މަފާޒު މަރާލުމުގެ ކުރިން ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.