18 Mar 2016, 18:45
ބ. އަތޮޅުން ވަރުވާ އަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ނިންމި ރަށްތަށް ހިމެނޭ ސަރަހައްދަކީ އެންވަޔަރަންމަންޓް މިނިސްޓްރީއިން ބަލަހައްޓަމުންދާ އަދި ތިމާވެށީގެ ގޮތުން ރައްކާތެރިކަންލިބިފައިވާ ސަރަހައްދެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިްމ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތާރިގް ކުރެއްވި ޓުވީޓެއްވައި ވިދާޅުވީ ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވަކީ އަތޮޅުތެރޭ ރަށްތަކެއް ހިމެނޭގޮތަށް ހިމާޔަތްކުރެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކުރެވޭ މުހިއްމު ސަރަހައްދެއް ކަމަށެވެ.
Baa Atoll@UNESCOBiosphere Reserve remains a world class Atoll ecosystem conservation area & is managed & accorded protection.@PSMnewsmv
— Thoriq Ibrahim (@Thoriqibrahim)March 17, 2016
އެންވަޔަރަމަންޓު މިނިސްޓްރީން ބުނީ ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވަކީ، ހިމާޔަތްކުރެވިފައިވާ އެފަދަ ސަރަހައްދުތައް ދަރަޖަކުރާ އދ. ގެ ޖަމްއިއްޔާއެއް ކަމުގައިވާ ޔުނެސްކޯއިން ވެސް ދަރަޖަކޮށް ބައިނަލް އަގުވާމީގޮތުންވެސް އެފަދަ ދެވަނައެއްނުވާ މުހިންމު ސަރަހައްދެއްގެ ގޮތުގައި ބަލައިގެންފައިވާ ސަރަޙައްދެއް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އެ ސަރަހައްދު ބެލެހެއްޓުމަށް ސަރުކާރުން ވަނީ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ނަމުގައި އޮފީހެއް ވެސް އުފައްދަވާފަ އެވެ. އަދި އެ ސަރަހައްދުން ލިބޭ މަންފާއިން އެސަރަހައްދުގެ ވެށި ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް ޓްރަސްޓް ގެ ނަމުގައި ފަންޑެއްވެސް ވަނީ ސަރުކާރުން އުފައްދަވާފަ އެވެ.
ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މުހިއްމު މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އަދި އެ ރިޒާވް ރާއްޖެއާއި ރާއްޖޭން ބޭރުގައި ޕްރޮމޯޓުކުރުމަށް ވެސް ސަރުކާރުގެ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރީން ބުންޏެވެ.
އެހެންކަމުން، އެ ސަރަހައްދު ދެމިއޮންނާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ރާއްޖެގެ މާހައުލުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ދައްކުވައިދޭ މުހިއްމު ގުދުރަތީ ތަރިކައެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބ. އަތޮޅުގެ 20 ފަޅު ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީޒް މިނިސްޓްރީން ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި މިހާރު އެ އިއުލާނު ވަނީ ބާތިލުކޮށްފަ އެވެ. އެ އިއުލާނު ބާތިލު ކުރި ކަމަށް އެ މިނިސްޓްރީން ބުނީ އެ ރަށްތަކަށް ބިޑު ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިޑު ފޯމު ވިއްކުމަށް ކަނޑައެޅި ތާރީހަށް އައިސްފައިވާ ބަދަލަކާއި ގުޅިގެން ކަމަށެވެ.
މިނިސްޓަރު ތާރިގް އެހެން ވިދާޅުވެފައި ވަނީ ބ. އަތޮޅުގައި ބަޔޯސްފިޔާ ރިޒާވެއް ކަމަށް ކަނޑައަޅައި ހިމާޔަތްކޮށްފައިވާ ސަރަހައްދުގައިވާ ފަޅުރައްތަކެއް ވަރުވާ އަށް ދޫކުރަން ސަރުކާރުން އިއުލާނު ކުރުމުން ބ. އަތޮޅު ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.