ޔުއެފާ ޗެމްޕިއަންސް ލީގްގެ ކުއާޓާ ފައިނަލްގައި ބާސެލޯނާއާ ކުޅެން ނުޖެހުމަކީ ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނެފި އެވެ.

ޗެމްޕިއަންސްލީގް ކުއާޓާގެ ގުރުއަތުލުން ރޭ ބޭއްވި އިރު މެންޗެސްޓާ ސިޓީ ކުޅެން ޖެހެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާ އެވެ. އަދި ބާސެލޯނާ ނިކުންނާނީ ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

"ބާސެލޯނާއަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ޓީމް. އެހެން ހުރިހާ ޓީމެއް ވެސް ދާދި އެއްވަރު. ގަދަ އަށެއްގައި ނުކުޅޭނެ ބަލި ޓީމެއް،" ޕެލެގްރިނީ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާއާ ކުޅެން ނުޖެހުނު ނަމަވެސް ޕީއެސްޖީ އަކީ ވެސް ދަށް ޓީމެއް ނޫން ކަމަށާއި ފުރަތަމަ މެޗު ރަށުން ބޭރުގައި ކުޅެން ޖެހުމުން އެއީ ލިބުނު އެޑުވާންޓޭޖެއް ކަމަށެވެ.

"އަހަރެން އަބަދު ވެސް ނިންމަން ބޭނުން ވަނީ އަމިއްލަ ދަނޑުގައި. ކޮންމެ ބައެއް ވެސް ފުރަތަމަ މެޗު ފަސޭހަ ކޮށްލާތަން ފެންނަނީ. އެހެންވީމަ ދެވަނަ ލެގްގެ މެޗަށް ކޮންމެ ޓީމެއް ވެސް ސަމާލުކަން ދޭނެ،" ޕެލިގްރިނީ ބުންޏެވެ.

ކުއާޓާ ފައިނަލްގައި އަންނަ މަހު ފަހެއްގައި ބާސެލޯނާ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ނިކުންނައި އިރު ބަޔާން މިއުނިކް ނިކުންނާނީ ޕޯޗުގަލްގެ ބެނަފީކާއަ ދެކޮޅަށެވެ. އަދި ދެވަނަ ލެގްގެ މެޗު ކުޅޭނީ 14 ވަނަ ދުވަހު އެވެ.

އެ މުބާރާތުގެ ކުއާޓާ ފައިނަލަށް އަލަށް ދަތުރުކުރި ޖަރުމަނުގެ ވޫލްސްބާގް އާއި ރެއާލް މެޑްރިޑް ކުޅޭ މެޗު ހަތް ވަނަ ދުވަހަށް ތާވަލު ކުރެވިފައިވާ އިރު ޕީއެސްޖީ އާއި ދެކޮޅަށް ސިޓީ ވެސް އެރޭ ނިކުންނާ އެވެ. އަދި ދެވަނަ ލެގްގެ މެޗުތައް ކުޅޭނީ އޭޕްރީލް 13 ވަނަ ދުވަހު އެވެ.