19 Mar 2016, 10:06
ތޮއްޖެހިފައިވާ މާލޭގެ ފަސް ވަނަ އަވަށް ހުޅުމާލޭގެ ގޮނޑުދޮށަކީ އެތައް ބަޔަކު ހިތްހަމަ ޖައްސާލުމަށް ގޮސް އުޅޭ ސަރަހައްދަކަށްވާ އިރު އެ ސަރަހައްދު މިހާރު މިވަނީ ވަކި ބައެއްގެ ވިޔަފާރިފުޅާ ކުރުމަށް ބޭނުންކުރާ ސަރަހައްދަކަށް ބަދަލު ކޮށްފަ އެވެ. ކެފޭތައް ހަދައި އެ ގޮނޑުދޮށްތަކުގެ ޖާގަ އެވަނީ އެވިޔަފާރިތަކަށް ނަގާފައިފަ އެވެ.
ހުދުވެލީގެ ރީތި އެ ގޮނޑުދޮށްތަކަށް މިއަދު ބަލާ އިރު މުޅިންހެން ފެންނަނީ ގޮނޑި މޭޒު ޖަހާފައި ވާތަނެވެ. އެ ގޮނޑުދޮށްތަކުގެ ބޮޑު ބައެއް އެވަނީ ކެފޭތަކަށް ބަދަލުކޮށްފަ އެވެ. ގިނައިން އެތައްތަން މިހިންގަނީ އެގޮނޑުދޮށްތައް ކުރިމަތީގައި ހުންނަ ގެސްޓް ހައުސްތަކުން ނުވަތަ ކެފޭތަކުންނެވެ. އެތަކެއް ގޮނޑި މޭޒެއް އެ ސަހައްދުތަކުގައި ބަހައްޓައި ދަނީ ވިޔަފާރިދަނީ ކުރަމުންނެވެ.

އެއްވެސް ހުއްދައެއް ނެތި ގަދަމީހާ ގަދަގޮތަށް އެ ސަރަހައްދުގެ ބައެއް ކެފޭތަކުން ނުވަތަ ގެސްޓް ހައުސްތަކުން އެތަންތަން ބޭނުންކުރާ އިރު ހިތްހަމަ ޖައްސާލުމަށް ގޮސް އުޅޭ ފަރާތްތަކަށް އެ ގޮނޑުދޮށްތަކުން ލިބެނީ ކުޑަ ޖާގައެކެވެ. އެއީވެސް އެތައް ގޮންޖެހުމަކާ އެކު އެކު އެވެ.
"ކުދިވެރިން ގޮވައިގެން މިދަނީ އެމީހުން ހިތްހަމަ ޖައްސާލަން، ދާއިރު ކެފޭ ހަދައިގެން މިތިބެނީ ސިނގިރޭޓް ބޮއެ ހަދަން، ނޫނީ ހުތުރުބަހުން ވާހަކަ ދަށްކަން، އެހެންވެ މިހާރު ވަރަށް ނުދަން އެތަނަށް." ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުންޏެވެ.

އެކަން ނުހުއްޓުވެނީ ގަވައިދެއް ނެތުމުން
ހިތްހަމަ ޖައްސާލަންދާ ފަރާތްތަކަށް ފުރުސަތު ނުލިބި ވިޔަފާރިތަކުން އެ ސަރަހައްދު "ހިސޯރުކޮށްގެން" އުޅޭ އިރު އެއީ އެއްވެސް ހުއްދައެއް އޮވެގެން އެމީހުން ކުރާކަމެއް ނޫނެވެ. ހަމަ އެބަޔަކަށް ފެންނަ ހިސާބެއް ސާފުކޮށްލައިގެން ގޮނޑި މޭޒު ޖަހާފައި ބަހައްޓަނީ އެވެ. މިއީ ޒަމާންވީ މައްސަލައެކެވެ. މިހާ ހިސާބަށް މިކަންކަން ދިޔަ އިރު ހުޅުމާލޭގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ) ކޮބާތޯ އެވެ.؟
ހުޅުމާލޭގެ ގޮނޑުދޮށްތައް ގަވައިދާ ހިލާފަށް ބޭނުން ކުރަމުންދާ މައްސަލާގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެއީ ހުއްދަދީފައިވާ ކަމެއް ނޫން ކަމަށާއި އެކަން ނުހުއްޓުވިގެން އުޅެނީ ހުޅުމާލޭގެ މުނިސްޕަލް ގަވައިދެއް ނެތުމުން ކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސައިމަން--- ސަން ފައިލް ފޮޓޯ
"ދޭތެރެ ދޭތެރެއިން އެކަމަށް ހައްލު ގެނެވޭތޯ މަސައްކަތް ކުރަން، އެއީ އަންނަ ކަންބޮޑުވުމެއް، މިވަގުތު އެއީ އުނދަގޫކަމެއް، މުނިސްޕަލް ގަވައިދެއްގެ ދަށުން އެކަން ކުރެވެން އަންނާނީ." ސައިމަން ވިދާޅުވި އެވެ.
ހުޅުމާލޭގެ މުނިސްޕަލް ގަވައިދެއް ހެދުމަށް ޓަކައި ހައުސިން މިނިސްޓްރީއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ. އެއާ އެކު އެފަދަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގައި ވިޔަފާރިއެއް ކުރާ ނަމަ ވަކި ހުއްދަތަކެއް ނަގަންޖެހެ އެވެ. ހަމައެއާ އެކު އެ ވިޔަފާރިކުރާ ސަރަހައްދަކީ ވެސް ހުއްދަ ދީފައިވާ ސަރަހައްދަކަށް ވާންޖެހެ އެވެ. އޭގެ ބަދަލުގައި ގޭގައި ކުދިގުޅަ ނުވަތަ ކޮންމެވެސް އެހެން އެއްޗެއް ހަދައިގެން ނުކުމެ އާންމު ސަރަހައްދުތައް ބޭނުންކޮށްގެން އެވިޔަފާރި ކުރުމުގެ ފުރުސަތު އެންމެނަށް ވެސް ލިބިގެންދާނެ އެވެ.

ވެރިރަށް މާލޭގެ ފަސް ވަނަ އަވަށުގައި މިހިނގާ ކަމަކީ ވަކި އުސޫލެއްގެ ދަށުންދާ ކަންކަމަށްވާން އެބަޖެހެ އެވެ. ކުރިއާލާ ގަވައިދުތައް ހެދެން ޖެހެ އެވެ. އެހެން ނުވުވުން، ޒަމާނުއްސުރެ ދިވެހިން، ހާއްސަކޮށް މާލޭގެ ރަށްޔިތުން ދަތުރު ދިއުމަށް ބޭނުން ކުރި ކުޑަބަނޑޮސް ގެއްލުނު ގޮތަށް، ހުޅުމާލޭގެ ގޮނޑުދޮށް ވެސް މިވަނީ ހިތްހަމަޖައްސާލަންދާ ފަރާތްތަކަށް ފުރުސަތު ނުލިބި ވިޔަފާރިތަކުން ނުހައްގުން ބޭނުން ކުރަން ފަށައިފަ އެވެ.