19 Mar 2016, 13:30
ބަފަލޯ ވިއްކަން އިންޑިއާގެ ޖަރުޚާންދު ސްޓޭޓްގެ އަވަށެއްގެ ބާޒާރަކަށް ދިޔަ މުސްލިމް ފިރިހެނަކާއި ކުޑަކުއްޖަކަށް ބަޔަކު ހަމަލާދީ، ގަހެއްގައި ދަން ޖައްސައި މަރާލައިފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ އަށް ބަފަލޯ ވިއްކަން ބާޒާރަށް ދިޔަ އުމުރުން 35 އަހަރުގެ މުޙައްމަދު މަޖުލޫމާއި އުމުރުން 15 އަހަރުގެ އާޒާދު ޚާން އަލިއާސްގެ ހަށި ގަނޑު ފެނުނު އިރު އެ ދެއަތް ހުރީ ފުރަގަހަށް ބަނދެފައި ކަމަށާއި އަނގަޔަށް ފޮތިވެސް ޖަހާފައިވާ ކަމަށެވެ.
"އެމީހުން ދަންޖައްސާފައި ތިބި ގޮތުން ބެލެވެނީ އެމީހުންނަށް ހަމަލާދިނީ ރުޅިވެރިކަމުގައި ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް،" ފުލުހުންގެ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަނޫޕް ބިރުތާރީ ބުނި ކަމަށް ނޫހުގައިވެ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހަށް މައުލޫމާތު ދިން ވިކާސް މޯކްރާ ނަމަކަށް ކިޔާ މީހަކު ބުނެފައި ވަނީ ދެމުސްލިމުން ދަން ޖެއްސުމުގެ އަމަލު ހިންގީ ހައްދުފަހަނައަޅާފައިވާ ހިންދޫންގެ ބަޔަކު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ޖަރުކަންދު ސްޓޭޓްގެ ވެރިރަށް ރާންޗީއާ އާއި 100 ކިލޯ މީޓަރު ދުރުގައިވާ ޖައްބާރު ނަމަކަށް ކިޔާ އަވަށެއްގައި ހިނގި އެ ހާދިސާއާ ގުޅިގެން އެ އަވަށުގެ މީހުން ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާ ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހުންނާއި އެމީހުންނާ އާއްމުންނާ ދެމެދު ހަމަނުޖެހުންތައް ވަނީ ހިނގައިފަ އެވެ.