ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭން ލީޑަރުން ތައްޔާރުކުރުމަށް، ރައީސް ޔާމީންގެ ކެމްޕޭން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަހާސިންތާގެ ތިން ވަނަ ބުރު ނިމުމާ ގާތްވެފައިވާ އިރު، މިހާތަނަށް 1200 އަށް ވުރެ ގިނަ ބައިވެރިން ތަމްރީނު ކުރެވިފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަހާސިންތާގެ ތިން ވަނަ ބުރު ދަރުބާރުގޭގައި ފަށާފައިވާ އިރު، ހުރިހާ މަހާސިންތާއަކީ ވެސް ވަރަށް ކާމިޔާބު މަހާސިންތާތަކެއް ކަމަށް ރައީސް ޔާމީންގެ ކެމްޕެއިނު އޮފީހުން ވަނީ ބުނެފަ އެވެ.

އެ މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ދެމެދުގެ ރަށްތަކަށެވެ. އަދި ތިން ވަނަ ބުރު ހާއްސަ ކޮށްފައި ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އަށެވެ.

ރައީސް ޔާމީނުގެ ކެމްޕައިނު އޮފީހުގެ ފަރާތުން އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، މަހާސިންތާގެ ތިން ވަނަ ބުރު ނިންމާލާ އިރު 1200 އަށް ވުރެ ގިނަ މެމްބަރުން ތަމްރީނު ކުރެވޭނެ ކަމަށެވެ.

"މިއަދުގެ ހައެއް ޖެހުމާ ހަމައަށް ރައީސް ޔާމީންގެ އަނބިިކަނބަލުން، އަޅުގަނޑުމެންގެ ފަސްޓް ލޭޑީގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ދިޔަ ތިން މަހާސިންތާގެ މުޅި ޖުމުލަ 1200 އަށް ވުރެ ގިނަ ބައިވެރިން އަޅުގަނޑުމެންނަށް ތަމްރީނުކޮށްގެން މި ނެރެނީ،" މުއާޒު ވިދާޅުވި އެވެ.

މަހާސިންތާގެ ތިންވަނަ ބުރު ނިންމާލާނީ މިރޭ އޮންނަ ހާއްސަ ރަސްމިއްޔާތަކާ އެކުގަ އެވެ.

މުއާޒު ވިދާޅުވީ އެކި ރަށްތަކުން މަހާސިންތާގައި ބައިވެރިވުމަށް އެދި ހުށަހަޅަމުން އަންނަ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ވެސް މަހާސިންތާގެ އިތުރު ބުރުތަކެއް ކުރިއަށް ގެންދިއުމުގެ ވިސްނުން ހުރި ކަމަށެވެ.

ނަމަވެސް، ދެން ވިސްނުން ހުރީ މަހާސިންތާގައި ޓާގެޓު ގްރޫޕުތަކަށް މަހާސިންތާ ކުރިއަށް ގެންދަން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.