21 Mar 2016, 11:14
ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބިރުދައްކައި، އިންޒާރުދީ، ފުލުހުން ދިރިއުޅޭ ގޯތިގެދޮރަށް ގެއްލުންދޭ މައްސަލަތައް ބަލައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި، ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ލިބެމުން އަންނަ އިންޒާރުތަކާ ހަމަލާތައް ހަރުކަށި އިބާރާތުން ވަނީ ކުށްވެރި ކޮށްފަ އެވެ.
"ފުލުހުންނާ މަތިކޮށްފައިވާ ޤާނޫނީ މަސައްކަތާއި ޤައުމީ ވާޖިބު އަދާކުރުމުގައި ފުލުހުން ދެމިތިބޭއިރު އެކިއެކި ފަރާތްތަކުން ފުލުހުންނަށާއި ފުލުހުންގެ ޢާއިލާތަކަށް ބިރުދައްކައި އިންޒާރުދީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތައް ދިރިއުޅޭ ތަންތަނަށް ގެއްލުންދިނުން ފަދަ ޢަމަލުތައް ކުރަމުންދާނަމަ އެފަދަ މައްސަލަތައް ބަލައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ އެފަދަ ކަންކަން މުޖުތަމައުގައި އިތުރުވުމުގެ ފުރުސަތުވެސް ނުދޭނެ ކަމަށެވެ.
އޭގެ އިތުރުން ފުލުހުންނަކީ ގާނޫނީ މަސައްކަތުގައި ދެމިތިބެ އެ މަސައްކަތުގައި ހަރަކާތްތެރިވާ ބައެއް ނަމަވެސް ފުލުހުންނަކީވެސް އެހެން ރައްޔިތުންނެކޭ އެއްފަދަ ބައެއް ކަމަށާއި ފުލުހުންގެ އާއިލާ ތަކަކީވެސް އެހެން ރައްޔިތުން ފަދައިން އެ ރައްޔިތުންނާއެކު އެއް މުޖުތަމައެއްގައި ދިރިއުޅުމުގެ ފުރުސަތު އޮންނަ ބައެއް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.
"މިހެންކަމުން ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށްވެސް ލިބިދޭން ޖެހެއެވެ." ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އިއްޔެއްގެ ވަގުތެއްގައި އައްޑޫސިޓީގެ މަރަދުއާއި މަރަދޫފޭދޫގައި ފުލުހުން ދިރިއުޅޭ ހަތަރު ގެއެއްގެ ބިއްލޫރިތައް ތަޅާލައި އެގޭތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ.
އަދި މާލޭ މާފަންނު ސަރަހައްދުގައި ދިރިއުޅޭ އެސްއޯ ދެ ފުލުހަކާއި އެމީހުންގެ އާއިލާއަށް ވެސް ގްރޫޕެއްގެ ބަޔަކު ވަނީ އިންޒާރުދީފަ އެވެ. އެނގިފައިވާ ގޮތުން ރޭ އިންޒާރު ދީފައި ވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މަރާމާރީއެއް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެ، އެސްއޯ ފުލުހުންގެ ބަޔަކު ގ. މަސްއޮޑިގެއަށް ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެންނެވެ.
ފުލުހުންގެ އާއިލާއަށާއި ދެ ފުލުހަކަށް އިންޒާރުދިން މައްސަލަ ބެލުމަށް ފަހު އެ މީހުންނަށް ސެކިއުރިޓީ ދިނުމާ މެދު ވަކިގޮތެއް ނިންމާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާ ގުޅިގެން މުޖުތަމައުގެ އަމަން އަމާންކަން ދަމަހައްޓައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ކަމަށާއި ފުލުހުންގެ ހިދުމަތް ބައްޓަންކުރަމުން ދަނީވެސް ރައްޔިތުންނާ ގާތުން ދެވޭ ހިދުމަތެއްގެ ގޮތުގައި ހަދައި އަމާން މުޖުތަމައެއް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރެވޭ ގޮތަށް ކަމަށް ފުލުހުން ބުންޏެވެ.
"މި މަސައްކަތުގައި ދިވެހި ފުލުހުންނަށް ދެމިތިބެވޭނީ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެންނެވެ." ފުލުހުން ބުނެފައިވެ އެވެ.