މިއަދު އޭނާ އަށް އެ ވަނީ އެތެރެހައްޓަށް ޖެހޭ ނުރައްކާތެރި ދެ ބައްޔެއްގެ ޝިކާރައަކަށްވެފަ އެވެ. ހަމައެކަނި ލިބުނު ތުއްތު ދަރިފުޅަށް ގާތުން ކިރުނުދެވޭ ހާލަތުގަ އެވެ. އިތުރު ދަރިއަކު ހޯދުމުގެ ނަސީބު ދެން ނުލިބިވާ އިރު އެ ދަރިފުޅަށާއި ފިރިމީހާ އަށް ބޭނުންވާ ލޮތްބާއި އަޅާލުން ނުދެވޭ ހާލަތުގަ އެވެ. މިއީ ށ. ފޭދޫ، ޕެރިސް، ފާތިމަތު ޒީނިއާ،27، ގެ ހާލެވެ.

ޒީނިއާ، ދަރިން ހޯދުން ރައްކާތެރިއެއް ނޫން، އެކަން އެނގުނީ ބަލިވެ އިންފަހުން

ޒީނިއާ ކައިވެނި ކުރީ 2013 ވަނަ އަހަރު އެވެ. ކައިވެނީގެ ގޮށް ބަނދެލީ އުފާވެރި ދިރިއުޅުމެއްގެ އުންމީދުގަ އެވެ. ކައިވެންޏަށް މާކަ ގިނަ ދުވަހެއް ނުވެ، ޒީނިއާ ބަނޑުބޮޑުވި އެވެ. ބަލިވެއިނުމުން ދިމާވާ އުނދަގޫތައް ވާން ފެށި އެވެ. އެ އުނދަގޫތަކަށް އިތުރުވޭނެއް އޭނާ އަށް ލިބެން ފެށި އެވެ. ހަށިގަނޑުގެ އެކިތަންތަނަށް ތަދު އަރައި މައްސަލަތައް ކުރިމަތިވާން ފެށި އެވެ.

ޒީނިއާ އޭނާ އަށް ފަރުވާދޭ ޑޮކްޓަރަކާއެކު-- ސަން ފޮޓޯ: ޒީނިއާ އާއިލާ

އެ ހާލެއްގައި އުޅެމުންދަނިކޮށް ބަނޑަށް ހަތް މަހުގައި ހިތުގެ ޓެސްޓްތަކެއް ހެދި އެވެ. ނަތީޖާ ލިބުނީ ވަރަށް ވެސް ހިތްދަތިކޮށެވެ. އެއީ ޒީނިއާގެ ހިތް މަސައްކަތް ކުރަނީ 34 ޕަސެންޓް ކަމަށް ޑޮކްޓަރުން ބުނުމެވެ. އެ ހިސާބުން އެނގުނީ ޒީނިއާއަކީ ހާޓް ފެއިލިއާ ޕޭޝެންޓެއް ކަމެވެ.

ހާޓް ފެއިލިއާ ނުވަތަ ހިތް ފޭލްވުމަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ހިތުން ލޭ ފޮނުވައި ނުދެވުމެވެ. ނުވަތަ ހިތުން ލޭ ފޮނުވައިދޭ ބާރު، އާންމުކޮށް ހުންނަ މިންވަރަށްވުރެ ދަށްވުމެވެ. އެފަދަ ބައެއް ހާލަތްތަކުގައި ހިތަށް ފުރިހަމައަށް ލޭ ނޭޅެ އެވެ. ބައެއް ހާލަތްތަކުގައި ހިތުން ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ބޭނުންވާ ބާރު މިނުގައި ލޭ ފޮނުވައި ނުދެވެ އެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ބައިތަކަށް ބޭނުންވާ ވަރަށް އޮކްސިޖަނާއި ކާނާ ހަށިގަނޑުގެ ބައިތަކަށް ފޮނުވައެއް ނުދެ އެވެ.

އެ ބަލިހުރިކަން އެނގުމާ އެކު ޑޮކްޓަރުން ލަފާދިނީ ވީހާ ވެސް އަވަހަށް ޒީނިއާ ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެއާއެކު ޒީނިއާގެ ފިރިމީހާ އަލީ މުރުތަޟާ އޭނާގެ އަންހެނުން ގޮވައިގެން ސްރީލަންކާ އަށް ދިޔަ އެވެ. ލަންކާއިން ގާތްގަނޑަކަށް 40 ވަރަކަށް ޑޮކްޓަރުން ޒީނިއާއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ކަމަށް އަލީ ބުންޏެވެ. އެއަށް ފަހު ލަންކާގެ ޑޮކްޓަރުން ބުނީ ހާލަތު ވަރަށް ވެސް ގޯސް ކަމަށެވެ.

"ހުރިހާ ޑޮކްޓަރުން ވެސް ބުނަނީ ވަރަށް ރިސްކް ބޮޑު ކަމެކޭ، ކީއްވެހޭ އޭނާ ބަނޑުބޮޑުވާންވީ ހާޓްފެއިލިއާ ޕޭޝެންޓެއްކަން އެނގި ހުރެ، އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނަކަށް އެއްވެސް ގޮތަކަށް ނޭނގޭ އެކަން ދިމާވެފައިވާ ކަމެއް،" ޒީނިއާގެ ފިރިމީހާ އަލީ މުރުތަޟާ ބުންޏެވެ.

ލިބުނު ދަރިފުޅުގެ ހިތުގައި ލޯވަޅެއް، ނަމަވެސް ދަރިފުޅު ސަލާމަތްވެއްޖެ

ޒީނިއާ އޭނާގެ ދަރިފުޅާއެކުގައި-- ސަން ފޮޓޯ: ޒީނިއާގެ އާއިލާ

ހޮސްޕިޓަލުން އެންގީ ޒީނިއާ ލޭމަތިވުމުގެ ސަބަބުން ކުއްޖާ ނުނަގައި މާލަސްވާނަމަ ކުއްޖާ ބަނޑުތެރެއަށް މަރުވެދާނެ ކަމަށެވެ. އެހެންކަމުން ވީހާ ވެސް އަވަހަކަށް އޮޕަރޭޝަން ކުރަން ލަފާދިނެވެ. އެއީވެސް އެއޮޕަރޭޝަން ކާމިޔާބު ވާނެކަމުގެ އެންމެ 10 ޕަސެންޓު ޔަގީން ކަމާއެކު އެވެ. އަލީގެ އަންހެނުން އޮޕަރޭޝަންއަށް ވެއްދީ އަލީ ލައްވައި އިގްރާރުތަކުގައި ސޮއިކުރުމަށް ފަހު އެވެ. ﷲގެ ހެޔޮ ރަހުމަތުން އެ އޮޕަރޭޝަން ކާމިޔާބުވެ، ދަރިފުޅު ހެޔޮ ހާލުގައި ނެގުނެވެ.

އޮޕަރޭޝަންއަށް ފަހު އެންމެ ބޮޑު އުންމީދަކަށްވީ ދަރިފުޅު ދެކިލުމަށެވެ. ހާއްސަ ހުއްދައެއްގެ ދަށުން އައިސީޔޫއަށް ވައްދައި ދަރިފުޅު ދެއްކިއިރު ދަރިފުޅުގެ އެކި ތަންތަނަށް ވަނީ އެއްޗެހި ގުޅާފަ އެވެ. އެއާއެކު ކުއްޖާގެ ޗެކަޕެއް ހެދުމަށް ލަފާދިނެވެ. ޓެސްޓްތަކަށް ފަހު ޑޮކްޓަރުން ބުނީ އެ ކުއްޖާގެ ހިތުގައި ލޯވަޅެއް އިން ކަމަށެވެ. އެ އާއިލާއަށް އިތުރު ހިތްދަތިކަމެއް ކުރިމަތިވި އެވެ. ކުރެވުނު މަސައްކަތްތަކާއެކު މާތްﷲގެ ހެޔޮ ރަހުމަތުން މިހާރު ދެ އަހަރާއި ހަތް މަހުގެ އެކުއްޖާގެ ހިތުގައި އިން ލޯވަޅު ވަނީ ބެދިފަ އެވެ. ހަމައެހެންމެ ޒީނިއާއަށް އިތުރު ކުއްޖަކު ހޯދުމުގެ ފުރުސަތު ދެނެއް ނެތެވެ.

ލަންކާ އާއި އިންޑިއާގައި ފަރުވާ ހޯދުމަށް ފަހު މާލެ އައުމާ އެކު އަނެއްކާ ވެސް ޒީނިއާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވި އެވެ. އެގޮތުން ބުރަކަށީގައި ރިއްސާތީ އުޅެންފެށި އެވެ. އެއާއެކު ޑޮކްޓަރަށް ދެއްކުމުން ހިތުގެ ޓެސްޓެއް ހެދުމަށް ލަފާދިނެވެ. އޭގެ ނަތީޖާ ބެލުމަށް ފަހު ޑޮކްޓަރުން ބުނީ ހިތުގެ މައި ނާރުގައި ބުލޮކެއް އުޅޭ ކަމަށެވެ. އެއާއެކު ރާއްޖެ އިން ބޭރަށް ދިއުމަށް ލަފާދިނެވެ.

ރާއްޖެ އިން ބޭރަށްގޮސް ބެލިބެލުމުން އެނގުނީ ހާޓް ފެއިލިއާގެ އިތުރުން ނާރުތަކަށް ޖެހޭ ނުރައްކާތެރި އަދި އާންމު ނޫން ބައްޔެއް ކަމަށްވާ ޓަކަޔާސޫޒް އާޓެރައިޓިސް ޖެހިފައިވާ ކަމެވެ. އެބަލީގެ ސަބަބުން ޒީނިއާގެ އެތެރެހަށީގެ މައި ނާރެއް ވަނީ ހިމަވެފަ އެވެ.

ޒީނިއާގެ ހަށިގަނޑުގެ މައި ނާރެއް ހިމަވެފައި--

ޓަކަޔާސޫޒް އާޓެރައިޓިސް އަކީ ލޭ ހޮޅިތަކަށް ޖެހޭ ބައްޔެކެވެ. އެ ބަލީގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ ހިތުން ފެށިގެން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ލޭ ފޯރުކޮށްދޭ މައި ލޭ ހޮޅި ކަމަށްވާ އަޔޯޓާ އަށެވެ. އެ ބަލީގެ ސަބަބުން ލޭ ހޮޅިތައް ބެދި، ލޭ ދައުރުވުމަށް ހުރަސް އެޅެ އެވެ. އަދި އެކަމުގެ ސަބަބުން މޭގައި ރިއްސާ، ލޭގެ ޕްރެޝަރު މަތިވެ ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުމަށް މަގުފަހިވެ އެވެ. ޓަކަޔާސޫޒް އާޓެރައިޓިސް އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެކެވެ. އެ ބަލި ގިނައިން ފެންނަނީ އަންހެނުންގެ ގައިންނެވެ. ޓަކަޔާސޫޒް އާޓެރައިޓިސްގެ ސަބަބުން ވެސް ހިތް ހުއްޓުމަށް މަގުފަހިވެ އެވެ.

ދެ ބައްޔަށް މިއަދު ފަރުވާ ހޯދަމުންދާ ޒީނިއާއަށް، ފަރުވާ ހޯދުމަށް ކޮންމެ ތިން މަހަކުން ތިންމަހަކުން ރާއްޖެ އިން ބޭރަށް ދާންޖެހެ އެވެ. ރާއްޖެއިން ޑޮކްޓަރަކަށް ދައްކައިފި ނަމަ ލިބޭ ޖަވާބަކީ "މިކޮޅުން އޭނާއަށް ދެވޭނެ ފަރުވާއެއް ނެތް" ކަމެވެ. އެހެންކަމުން ފަރުވާއެއް ހޯދަން ދާން ޖެހެނީ ބޮޑު ހަރަދެއްކޮށް ރާއްޖެއިން ބޭރަށެވެ.

ޒީނިއާއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް ނުހަނު އަގުބޮޑު އަދި އެހާމެ ބަރާރުގަދަ އިންޖެކްޝަން އެމްބްރޮލް ކިޔާ ޑޯޒެއް ވަނީ ދީފަ އެވެ. ނަމަވެސް އެއިންޖެކްޝަނުން ކުރިއެރުމެއް ނުލިބުނެވެ. މިހާރު ޑޮކްޓަރުންގެ ވިސްނުމަކީ ހިތަށް ސްޓަންޓެއް ލެއްވުމެވެ.

"ސްޓަންޓު ލެއްވުމަކީ ހިތުގެ ހޮޅިތެރެއަށް އެއްޗެއް ލައްވައިގެން ފަލަމަސްގަނޑުން ނުވަތަ އަތުން ނާރެއް ނަގައިގެން ނާރުތެރެއިން ހޮޅިއަށް ލައްވާލައިގެން ހުޅުވާލަނީ، އޭރުން ހޮޅީގައި ހިމަވެފައި އިންނަ ބައި އިންނާނީ އަސްލު ސައިޒަށް ހުޅުވިފައި،" އަލީ ބުންޏެވެ.

ޒީނިއާއަށް އެހީތެރިވުމަށް ހިންގި އިވެންޓެއްގެ ތެރެއިން--

ޒީނިއާއަށް އެހީއެއް ވެދެއްވާ

މިހާތަނަށް 10 ފަހަރަށް ރާއްޖެ އިން ބޭރަށް ގޮސް ފަރުވާ ހޯދާފައިވެ އެވެ. އޭނާއަށް ފަރުވާ ދެނީ ބެންގަލޫރުގެ "ނަރަޔާނާ ހުރުދޭރާ" ހޮސްޕިޓަލުންނެވެ. ފަރުވާއަށް އޮތް އެންމެ ބޮޑު ނަސީބަކީ ހުސްނުވާ އާސަންދަ އެވެ. އެއީ އެ އާއިލާއިން ޝުކުރު ކުރާކަމެކެވެ. ޒީނިއާގެ ފަރުވާގެ ކަންކަމަށް އާސަންދައިން ހިލޭ ފަރުވާ ކުރެވުނު ނަމަވެސް އަމިއްލައިން ކުރަން ޖެހޭ ހަރަދުތައް ވެސް ކުޑައެއް ނޫނެވެ. އެގޮތުން އެކޮމެޑޭޝަން އާއި ކެއުމުގެ އިތުރުން ދަތުރުފަތުރަށް ކުރަންޖެހޭ ހަރަދު ބޮޑެވެ. އޭގެން ކޮންމެ ފަހަރަކު އެންމެ މަދުވެގެން 1500 އެއްހާ ޑޮލަރު ހަރަދު ކުރަންޖެހޭ ކަމަށް އަލީ ބުންޏެވެ.

"އަޅުގަނޑުމެން އެކޮމެޑޭޝަން އާއި ފުޑްއަށް ފުދޭވަރެއްގެ ބޮޑު އެއްޗެއް ހަރަދު ކުރަންޖެހޭ، ޓިކެޓާއި ނުލައި 1500 އެއްހާ ޑޮލަރު ހަރަދުވޭ، އެއްފަހަރު އެބަހުރި 2800 ޑޮލަރު ހަރަދު ކުރެވިފައި، އަނެއް ފަހަރު އެބައިން 1800 ޑޮލަރު ހަރަދުވެފައި،" އަލީ ބުންޏެވެ.

އަލީއަކީ 15000 ރުފިޔާގެ މުސާރާގައި މަސައްކަތް ކުރާ މީހަކަށްވާއިރު ކުއްޔަށް އުޅޭ ގެއަށް 12000 ރުފިޔާ ދަށްކަންޖެހެ އެވެ. އެ ފައިސާ ދައްކަނީ ޒީނިއާގެ ބައްޕަ އާއި އަލީ އާއި ބަހާލައިގެންނެވެ. ދެން ލިބޭ މަދު ލާރިކޮޅާއި އިތުރަށް މަސައްކަތްކޮށްގެން ލިބޭ ފައިސާ އޭނާ ފޮރުވަނީ ޒީނިއާގެ ފަރުވާއަށެވެ. ނަމަވެސް ތިން މަހުން ކުރަންޖެހޭ ހަރަދަކަށްވުމުން އެކަމަށް ވަނީ ނުކުޅެދިފަ އެވެ.

"ތިންމަހުން ތިންމަހުން ދާން އެބަޖެހޭ، މިހާ އަވަސްއަވަހަށް ދާންޖެހޭތީ މިކަމަށް ނުކުޅެދިފައި މި ވަނީ، ލިބިފައި ހުރި ދަރިޔަށް ޓަކައި ވެސް ޒީނިއާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަން ބޭނުން،" އަލީ ބުންޏެވެ.

މިހާތަނަށް "ހެލްޕް ޒީނިއާ"ގެ ނަމުގައި ހިންގި އެކިއެކި އިވެންޓުތަކުން ވަނީ ޒީނިއާއަށް ފައިސާގެ އެހީތެރިކަން ލިބިފަ އެވެ. ހަމައެއާ އެކު އާސަންދަ އަދި އެންސްޕާ އާއި ފުލުހުންގެ އިދާރާ އިން ލިބޭ އެހީތެރިކަމަކީ މިހާތަނަށް ޒީނިއާއަށް ފަރުވާ ލިބުނު މަގެވެ.

ޒީނިއާ މިއަދުވެސް އުޅެމުންދަނީ އެވޭނުގަ އެވެ. ހިތް ހަމަޖެހުމެއްނެތިއެވެ. ރެއަކާއި ދުވާލު އެތައް ބޭހެއްކާއިރު ލިބޭ އަރާމެއްނެތެވެ.

އެ ކުޑަކުޑަ އާއިލާ މި ވަނީ އެތައް ބައެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. ތުއްތު ކުއްޖަކު މަންމަގެ ލޯބިން މަހުރޫމްކޮށްނުލާށެވެ. އެކަމަށް ކުރެވެން އޮތްހާ ވެސް ކަމަކީ ފަރުވާ ކުރުމެވެ. ފަރުވާއަށް ބޭނުންވާ ފައިސާއަށް ތިޔަބޭފުޅުންގެ އެހީތެރިކަން ފޯރުކޮށްދޭށެވެ.

ޒީނިއާއަށް އެހީވުމަށް:

ޒީނިއާއަށް އެހީތެރިވާ ފަރާތްތަކުން 9889959 ނަމްބަރަށް ގުޅުމުން އެހީތެރިވެވޭނެއެވެ. ޒީނިއާގެ ޑޮލަރު އެކައުންޓް ނަމްބަރަކީ 7730000080082 އެކެވެ. އިތުރު އެކުންޓް ތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.