23 Mar 2016, 09:49
މިސީޒަން ނިމުމާއެކު މެސުޓް އޮޒިލް އާސެނަލް ދޫކޮށް އެހެން ކްލަބަކަށް ދާން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވެމުންދާ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ކުރިއަށް އޮތްތަނުގައި އާސެނަލްގެ ކޯޗުކަމުގައި އާސެން ވެންގާ ހުންނަ ނަމަ ކްލަބް ދޫކޮށްލަން ޖެހިދާނޭކަމަށް އޮޒިލް ވިސްނަމުންދާކަމަށް ވަނީ އަޑުތައްފެތުރިފައެވެ. އެހެން ނަމަވެސް އޮޒިލް ވަނީ، ވެންގާއަށް އޭނާ ވަރަށް ބޮޑަށް އިހްތިރާމްކުރާ ކަމަށް ބުނެ އެވާހަކަތައް ދޮގުކޮށްފައެވެ.
އޮޒިލް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، އޭނާއާ ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ވާހަކަތަށް އަޑުއިވިފައިވާ ކަމަށާއި، އެހެން ނަމަވެސް ވެންގާއަކީ އޭނާ އާސެނަލްއާ ގުޅުމަށް މެދުވެރިވި މައިގަނޑު ސަބަބުކަމަށާއި، ވެންގާއަށް ކުރާ އިހްތިރާމަށް ބަދަލެއް ނާންނަ ކަމަށެވެ.
ރެއާލް މެޑްރިޑުން 42.5 މިލިއަން ޕައުންޑަށް 2013 ވަނަ އަހަރު އާސެނަލާ ގުޅުނު ޖަރުމަންގެ މިޑްފީލްޑަރުގެ ކޮންޓްރެކްޓްގައި ބާކީ އަދި 18 މަސްދުވަސް އެބަ އޮތެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރީން ވެންގާ ވަނީ، އޮޒިލްގެ ކޮންޓްރެކްޓް އާކުރަން ނުވިސްނާކަމަށް މީޑިއާގައި ވާހަކަދައްކައިފައެވެ.
ޖަރުމަނުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމު 2011، 2012، 2013 އަދި 2015 ވަނަ އަހަރު ހޯދާފައިވާ އޮޒިލް ގެންދަން ބާސެލޯނާއާއި އަދިވެސް އެ ނޫން ބޮޑެތި ކްލަބުތަކުން ފާރަލަމުން ދާއިރު، އާސެނަލުން އޮޒިލް ދޫކޮށްލާ ނަމަވެސް، އޭނާ ގެންދިއުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބޭނީ ރެއާލް އަށެވެ. އެއީ ރެއާލުން އާސެނަލާއެކު ހަދާފައިވާ ކޮންޓްރެކްޓްގައި "ބައި-ބެކް" އޮޕްޝަނެއް ހިމަނާފައިވާތީއެވެ.
ޕްރިމިއަ ލީގު ތާވަލްގައި އާސެނަލް މިވަގުތު އޮތީ، ލީގުގެ އެންމެ ކުރީގައި އޮތް ލެސްޓާ ސިޓީއަށްވުރެ 11 ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ތިން ވަނައިގައެވެ. އެހެން ނަމަވެސް 66 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތް ލެސްޓާ ވަނީ އާސެނަލްއަށް ވުރެ އެއްމެޗު އިތުރަށް ކުޅެފައެވެ.