ބްރަސެލްސް (މާޗް 23):ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ އެއާޕޯޓުގައި އިއްޔެ ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހުންގެ ފޮޓޯއެއް ބްރަސެލްސްގެ ފުލުހުން އާއްމުކޮށްފި އެވެ.

ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން ދެ މީހުން ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއްގައި މަރުވެފައި ކަމަށް "ވަރަށް ބޮޑަށް ބެލެވޭ" ކަމަށް ފެޑެރަލް ޕްރޮސިކިއުޓަރަކު ވިދާޅުވި އެވެ. ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ތިން ވަނަ މީހާ (ފޮޓޯއިން ހުދު ކުލައިގެ ޖެކެޓެއްގައި) ހޯދުމަށް ބްރަސެލްސްގެ ފުލުހުން ވަނީ ބޮޑު އޮޕަރޭޝަނެއް ފައްޓާފަ އެވެ. އަދި ތުހުމަތު ކުރެވޭ މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ބެލްޖިއަމްގެ އެކި ސަރަހައްދުތަކުން ބޮމަކާއި، ކެމިކަލްތަކާއި، އިސްލާމިކް ސްޓޭޓްގެ ދިދައެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބްރަސެލްސްގެ އެއާޕޯޓަށާއި މެޓްރޯ ސްޓޭޝަނަކަށް އިއްޔެ ހަމަލާދިންތާ މާގިނަ އިރުތަކެއް ނުވެ އައިއެސް އިން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި ހަމަލާތައް ދިނީ ޖާނުން ފިދާވެގެން ހަމަލާދޭ ޒާތުގެ ވެސްޓުތަކެއް ގޮއްވާލައިގެން ކަމަށް އައިއެސް އިން ބުންޏެވެ.

ގާތްގަނޑަކަށް 35 މީހަކު މަރުވި އެހަމަލާތަކާ ގުޅިގެން ބެލްޖިއަމް އިން ވަނީ ޓެރަރިޒަމްގެ ނުރައްކާ ލެވެލް އެންމެ މައްޗަށް ޖައްސާފަ އެވެ. އަދި ބްރަސެލްސް އެއްކޮށް ބަންދުކޮށް، ޝަހަރުގެ މަގުތަކަށް 500 ސިފައިން ނެރެފަ އެވެ. ބެލްޖިއަމްގެ އިތުރުން ފްރާންސުންވެސް ވަނީ ބޯޑަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފަ އެވެ. (އޭޕީ)