23 Mar 2016, 13:08
އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ހޫނުމިން 34 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
އާންމު ގޮތެއްގައި ރާއްޖޭގެ ހޫނުމިން ހުންނަނީ 28 އާއި 29 ޑިގްރީ ސެލްސިއަސްގަ އެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ލަފާ ކުރެވޭ ގޮތުގައި ހޫނުމިން އެންމެ މައްޗަށް ދާނީ އަންނަ މަހުގެ ތެރޭގައި ކަމަށާއި އެއީ 34 ޑިގްރީ ސެލްސިއަސް އަށް ކަމަށެވެ. މިމަހުގެ ތެރޭގައި އެންމެ މައްޗަށް ހޫނުމިންދާ އިރު 33.9 ޑިގްރީ ސެލްސިއަސް އަށް އަރައިގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ އަށް މިހާތަނަށް އެންމެ ހޫނުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ 36 ޑިގްރީ ސެލްސިއަސް އެވެ. އެއީ 1991 ވަނަ އަހަރު އެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.