ފ. އަތޮޅު ކައުންސިލާއި އެ އަތޮޅު ރަށްރަށުގެ ކައުންސިލްތައް އަދި ރަށްރަށުގެ ރައްޔިތުން ގުޅިގެން އެ އަތޮޅުގެ ހުރިހާ ރަށެއް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

"ފާފު އެންމެ ސާފު" މި ޝިއާރުގެ ދަށުން މިއަދު ކުރިއަށްގެންދަނީ ފ. ނިލަންދޫ ސާފުކުރުމުގެ މަސައްކަތެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ހަލީލް "ސަން" އަށް ވިދާޅުވީ، އެ ޕްރޮގްރާމްގެ ދަށުން މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެ ރަށު ގޮނޑުދޮށް ސާފުކުރަން ފަށާފައިވާ ކަމަށެވެ.

ހަލީލް ވިދާޅުވީ އެ ޕްރޮގްރާމަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މަސައްކަތަކަށް ވާތީ، އަތޮޅު ދޯނީގައި މިއަދު އެއަތޮޅު އެހެން ރަށްރަށުގެ ރައްޔިތުން ވެސް ނިލަންދޫ އަށް ގޮސްފައިވާ ކަމަށެވެ.

"އަތޮޅު ދޯނީގައި އަޅުގަނޑުމެން ގޮސް ރަށްރަށުން މީހުން ގޮވައިގެން އައިސް މިއަދު މިރަށް ސާފުކުރުމުގެ މަސައްކަތް ފެށީ. މިއީ އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ގުޅިގެން ކުރާ މަސައްކަތެއް،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެ ޕްރޮގްރާމް ފަށައިގެން މިހާރު ދުވަސްކޮޅެއް ވެފައިވާ އިރު، ވޭތުވެ ދިޔަ ދުވަސްތަކުގައި އެއަތޮޅުގެ އެހެން ރަށްތަކެއް ވެސް ސާފުކޮށްފައިވާ ކަމަށެވެ.