ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ފުލުހުންނަށް ގަލުން ހަމަލަދޭން އުޅުނު އަށް މީހަކު 10،000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ކުޅުދުއްފުށީ ކޯޓުން އެ އަށް މީހުން ޖޫރިމަނާކުރީ ދައުލަތުން އެމީހުންގެ މައްޗަށް އުފުލި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރި މީހަކަށް ހަމަލާދޭން މަސައްކަތް ކުރުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.

ކުށް ސާބިތުވި މީހުން

  • އަބްދުﷲ ޒުބައިރު، ހީވާޒު، ހދ. ކުޅުދުއްފުށި
  • އަހްމަދު މުހައްމަދު، ރިސްތާ، ހދ. ކުޅުދުއްފުށި
  • އަހްމަދު ހަސަން، ޝުހާނީ، ހދ. ކުޅުދުއްފުށި
  • ޝަމްޢޫން އިބްރާހީމް، އަޅިވިލާގެ، ހދ. ކުޅުދުއްފުށި
  • ހަސަން އަލީ، ކަސްތޫރިގެ، ހދ. ކުޅުދުއްފުށި
  • އަބްދުއްރަހްމާން ހާރޫން، ޕަސީނާ، ހދ. ކުޅުދުއްފުށި
  • އަލީ އާދަމް، ޓޫފްލާވާ، ހދ. ކުޅުދުއްފުށި
  • އަލީ މުހައްމަދު، މަލުތެރޭގެ، ހދ. ކުޅުދުއްފުށި

ކުޅުދުއްފުށީ ކޯޓުން ކުރި ހުކުމްގައި ވަނީ 8 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ރޭ 9:20 އެހައިކަންހާއިރު އެ އަށް މީހުން ކުޅުދުއްފުށީ ޕޮލިސްޓޭޝަންގެ ދެކުނުފަރާތު އިރުމަތީ ގޭޓު ކައިރިއަށް ގޮސް އެތަނުގައި ތިބި ފުލުހުންނާއި ދިމާލަށާއި ޕޮލިސްޓޭޝަނާ ދިމާލަށް ގައު ފަންތޮށި ވެލިފަދަ ތަކެތި އުކާފައިވާކަން ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ޖޫރިމަނާގެ ފައިސާ އަށް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ކޯޓަށް ދައްކައި ޚަލާސްކުރުމަށް ވެސް އެ ހުކުމްގައި އެ މީހުންނަށް ވަނީ އަންގާފައެވެ.

އެ މައްސަލާގައި ހެކިބަސްދިން ބައެއް ފުލުހުން ބުނެފައި ވަނީ ބައެއް މީހުން އުލި ގަލުން ޖެހި ފުލުހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

މީގެއިތުރުން އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހދ. ކުޅުދުއްފުށީ ބަހާއު، ހަސަން ނާޒިމް އާއި އެރަށު ވަވަތި އިބްރާހީމް އަހްމަދު އާއި އެރަށު ކަރަންކާގެ އަހްމަދު އާދަމްގެ އިތުރުން އެރަށު މަލުތެރޭގެ އާދަމް މުހައްމަދުގެ މައްސަލަ އެހެން ގަޒިއްޔާއަކުން ބަލައި ނިންމާނެ ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.