27 Mar 2016, 12:46
ގދ. ފަރެސްމާތޮޑާގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ހަވާލު ކޮށްފި އެވެ.
މިއީ ދައުލަތުގެ ބަޖެޓުން 13.2 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއު، އެމްޓީސީސީއާ ހަވަލުކުރީ މިއަދު ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯ އަހްމަދު ފަސީހު އެވެ.
މި މަސައްކަތުގެ ތެރެއިން އެމްޓީސީސީން ފަރެސްމާތޮޑާގައި ސިމެންތި ބަސްތާ ބޭނުންކޮށްގެން 62 މީޓަރުގެ ބޭރު ތޮށްޓެއް، އަދި ކޮންކްރީޓު ބްލޮކުތަކެއް ބޭނުން ކޮށްގެން 153 މީޓަރުގެ އެއްގަމު ތޮށްޓެއް ޖަހަން ޖެހެ އެވެ. އަދި އެއްގަމު ތޮށްޓާއި އިންވެގެން ދުވާރެއް ވެސް ހަދައި، ބަނދަރު ސަރަހައްދުގައި ބައްތި ޖަހަން ޖެހެ އެވެ.
މީގެ އިތުރުން ފަރެސްމާތޮޑާގެ ބަނދަރުގައި ތިލަވެފައިވާ ސަރަހައްދުތައް ތިން މީޓަރަށް ފުން ކުރަން ވެސް ހަމަޖެހިފައިވެ އެވެ.
މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މި ބަނދަރު ހެދިގެން ދިއުމުން އޭގެ ފައިދާ، ފަރެސްމާތޮޑާގެ ރައްޔިތުންނާއި، މަސްވެރިންނާއި އެހެނިހެން ފަރާތްތަކަށް ވެސް ކުރާނެ ކަމަށާއި، ދިވެހި ރާއްޖެ ބޭނުންވާ ތަރައްގީއަކީ އެއީ ކަމަށެވެ.