މިއަހަރުގެ އިރުވައި މޫސުމުގައި ބޯފެން ހުސްވެގެން މިހާތަނަށް 31 ރަށަކަށް ފެން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ބުނީ، އިރުވައި މޫސުމުގައި ރާއްޖޭގެ ރަށްރަށަށް އެމަޖެންސީކޮށް ބޯފެން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންގެ ދަށުން ފެބްރުއަރީ މަހުން ފެށިގެން މިހާތަނަށް 45 ރަށަކުން ބޯފެނަށް އެދިފައިވާ ކަމަށެވެ.

އޭގެ ތެރެއިން މިހާތަނަށް 31 ރަށަކަށް ބޯފެން ފޯރުކޮށްދީފައިވާއިރު، އެ ރަށްރަށަށް ބޯފެން ފޮނުވުމަށް ދައުލަތުން 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑިޒާސްޓަރު ސެންޓަރުން ބުނެ އެވެ.

ބޯފެނަށް އެދިފައިވާ ރަށްތަކުގެ ތެރެއިން، އިތުރު ހަތް ރަށަކަށް ފެން އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، ފަސް ރަށަކަށް ބޯފެން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށް ޑިޒާސްޓަރު ސެންޓަރުން ބުނެ އެވެ. އަދި ފެނަށް އެދުމަށްފަހު ވާރޭވެހިގެން ދެ ރަށަކުން ރިކުއެސްޓް ކެންސަލްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިއަހަރު ބޯފެނަށް އެދިފައިވާ ރަށްތަކުގެ ތެރެއިން ތިން ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކީ ރާއްޖޭގެ އުތުރުގެ ރަށްތައް ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

ޑިޒާސްޓަރު ސެންޓަރުން ބުނާ ގޮތުން، މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ހޫނުގަދަ ދުވަސްވަރެއް ކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ބޯފެނަށް އެދޭ ރަށްރަށް އިތުރުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކަށް ވަކިން ފެން ފޯރުކޮށްދިނުމަށްޓަކައި މިއަހަރު ދެ ފަރާތަކާއެކު އެއްބަސްވުމެއް ވަނީ ގާއިމްކޮށްފަ އެވެ.

އެ ސެންޓަރުން ބުނީ، ބޯފެން ފޯރުކޮށްދިނުމަށް އެ ސެންޓަރަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރަށްރަށުން ބޯފެން އެއްކޮށް ހުސްވެ، އެ ސެންޓަރުން ފެން ފޮނުވުމަށް އެދެވޭ މުއްދަތެއް ނުދީ ފެނަށް އެދެމުން ދިއުމެވެ.

"މިސެންޓަރުން ކައުންސިލްތަކަށް ކުރާ އެންމެ ބޮޑު އިލްތިމާސަކީ މިހާރު ރަށްރަށުގެ ބޯފެނުގެ ހާލަތު ބަލައި މޮނީޓަރު ކުރަމުން ގެންދިއުމާއެކު ފެން ހުސްވާނެ ކަމަށް ލަފާކުރާ ތާރީހުގެ 14 ދުވަސްކުރިން މިސެންޓާރުގެ ފެނަށް އެދުމުން ދިއުން،" އެ ސެންޓަރުން ބުނެފައިވެ އެވެ.