28 Mar 2016, 11:33
ސިޔާސީ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން ގެންދަވަނިކޮށް މިސްކިތަކުން ބަންގި ގޮވާ އަޑު އިވިވަޑައިގެންނެވުމާ އެކު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރާ މޯދީ ވާހަކަފުޅު މެދުކަނޑުއްވާލައްވައިފި އެވެ.
ބަންގީގެ އަޑު އިވިވަޑައިގެންނެވުމާ އެކު ވާހަކަފުޅު ދެއްކެވުން މޯދީ މެދުކަނޑާލެއްވީ އިންޑިއާގެ ވެސްޓް ބެންގާލުގައި އިއްޔެ ކުރިއަށް ގެންދިޔަ ސިޔާސީ ކެމްޕެއިން ރެލީއެއްގަ އެވެ. ތަގުރީރުގެ މެދުތެރެއިން ބަންގީގެ އަޑަށް ވާހަކަފުޅު ހުއްޓަވާލެއްވުމަށް ފަހު، އަތުގެ އިޝާރާތުން މޯދީ ވަނީ އަޑު މަޑު ކުރެއްވުމަށް ވިދާޅުވެފަ އެވެ.
ބަންގި ގޮވައި ނިންމުމުން، މޯދީގެ ތަގުރީރުގައި ވިދާޅުވީ އެއްވެސް މީހެއްގެ އަޅުކަމަކަށް އޭނާގެ ސަބަބުން ހުރަސް އެޅެން ބޭނުންފުޅު ނުވާ ކަމަށެވެ.
"މަޑުކޮށްލައްވާ، ބަންގި ގޮވަން ފަށައިފި. އަޅުގަނޑުގެ ސަބަބުން އެއްވެސް މީހެއްގެ އަޅުކަމަކަށް ހުރަސް ހުރަސް އެޅޭކަން ބޭނުމެއް ނޫން. އެހެންވެގެން ކުޑަ ވަގުތުކޮޅަކަށް އަޅުނގަޑުގެ ވާހަކަ މެދުކަނޑާލީ،" އާބާދީގައި 25 ޕަސެންޓު މުސްލިމުން ދިރިއުޅޭ ވެސްޓް ބެންގާލުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވި އެވެ.
ބަންގި އަށް "އިހްތިރާމް" ކުރުމުގެ ގޮތުން މޯދީގެ ވާހަކަފުޅު މެދުކަނޑާލެއްވުމުން، އިންޑިއާގެ ބައެއް މުސްލިމުންގެ ތައުރީފު މޯދީއަށް ދަނީ ލިބެމުންނެވެ.
އުމުރުން 65 އަހަރުގެ މޯދީއަކީ ހިންދޫ ދީނުގެ ހަރުކަށި ވިސްނުމުގެ ބޭފުޅެކެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ވެރިކަން ކުރާ ޕާޓީ، ބީޖެޕީއަކީ މުސްލިމުންނަށް އަމާޒުކޮށް ފުރައްސާރަ އާއި ދުއްތުރާ ކުރަމުންދާ ޕާޓީއެކެވެ. މުސްލިމުންދާ ދެކޮޅަށް އިންޑިއާގައި ހިންގާފައިވާ އަނިޔާވެރި ޖަރީމާތަކުގެ ތަހުމަތު ވެސް ކުރެވެނީ ބީޖޭޕީގެ މައްޗަށެވެ.