28 Mar 2016, 16:06
ދުނިޔޭގެ ގައުމުތަކުން އެމެރިކާއަށް އިހްތިރާމް ނުކުރާ ކަމަށާއި ހުރިހާ ގައުމަކުން ގެންދަނީ އެމެރިކާއަތުން ނެގެން އޮތް އެންމެ ބޮޑު މާލީ އަދި ސިޔާސީ ފައިދާތަކެއް ނަގައި އަދި އެމެރިކާއިން ވައްކަންކޮށް އެމެރިކާ ނިކަމެތި ކުރަމުން ކަމަށް އެމެރިކާގެ ރިޔާސީ ރޭހުގައި ވަދަކުރައްވަން މަސައްކަތް ކުރައްވާ ހައްދު ފަހަނަޅާފައިވާ ލީޑަރު ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ނިޔުޔޯކް ޓައިމްސް އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން އެމެރިކާއަތުން ނެގެން އޮތް އެންމެ ބޮޑު މާލީ އަދި ސިޔާސީ ފައިދާތައް ނަގަމުން ގެންދަނީ ވަރަށް ރޭވުންތެރި އަދި މަކަރުވެރި ގޮތެއްގައި ކަމަށާއި އޭނާގެ ވެރިކަމުގައި އެއްވެސް ގައުމަކުން އެމެރިކާ އަތުން މިފަދަ ނަޖާއިޒު ފައިދާތައް ނެގުމުގެ ފުރުސަތު ނުދެއްވާނެ ކަމުގައެވެ.
ޓްރަމްޕް މިހެންވިދާޅުވިއިރު ޚުދު އޭނާވަނީ އިސްރާއީލުގެ ދިފާއުގައި އެމެރިކާ ކޮންމެފަދަ އަގެއް ދައްކަން ޖެހުނު ނަމަވެސް އެކަން އެމެރިކާ ކުރާނެ ކަމަށް ވިދާޅުވެ އިސްރާއީލުގެ ހިމާޔަތާއި ދިފާއުގައި ވާހަކަ ދައްކަވާފައެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާ އެހެން ގައުމުތަކަށް ޖާސޫސުކުރާ ކަމަށް އަޑުފެތުރޭއިރު އެހެން ގައުމުތައް އެމެރިކާއަށް ޖާސޫސޫ ކުރާ މިންވަރު މާބޮޑު ކަމުގައެވެ. މިގޮތުން އެމެރިކާގެ އެންމެ ގާތް އަދި އެންމެ ރަހްމަތްތެރި ގައުމުތައް ވެސް އެމެރިކާއަށް ޖާސޫސު ކުރަމުން ގެންދާ ކަމަށް އެ ގައުމުތައް އެމެރިކާއަށް ޖާސޫސު ކުރަނީ ވަރަށް ވިސްނުންތެރި ކަމާއެކުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕަށް ވެރިކަން ލިބިއްޖެނަމަ ކުރައްވާނެ ކަންތަކާ ބެހޭގޮތުން އޭނާ ދައްކަވާ ގިނަ ވާހަކަތަކަށް އެމެރިކާގެ އެތެރެއިންނާއި ބޭރުން ދަނީ ޖޯކުޖަހައި މަލާމާތް ކުރަމުންނެވެ. އަދި ޓްރަމްޕަކީ އުތުރު ކޮރެޔާގެ ލީޑަރުފަދަ ބޭފުޅެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރާއިރު ޓްރަމްޕަށް އިޙްތިރާމް ނުކުރާނެ ކަމާއި އޭނާއަށް އެމެރިކާގެ ވެރިކަން ލިބުމަށް ނޭދޭކަން ޚުދު އޭނާ ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ތަޖްރިބާކާރު ފަރާތްތަކުން ވެސް ގެންދަނީ ފާޅުގައި ބުނަމުންނެވެ. ނަމަވެސް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް މަސައްކަތްކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ އާންމުންގެ ސަޕޯޓް އެންމެ ބޮޑީ ޓްރަމްޕް އަށެވެ. އަދި ޓްރަމްޕްގެ ސަޕޯޓް ބޮޑުވުމުގެ ސަބަބުން ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އޭނާއާ ވާދަކުރި ކެންޑިޑޭޓުން ވަނީ ޕްރައިމަރީގެ ރޭހުން ވަކިވެފައެވެ.
ޓްރަމްޕްގެ ސިޔާސަތުތަކަށް އެމެރިކާގެ އެތެރޭގަ އާއި ބޭރުގައި ޖޯކުޖަހާމިންވަރުގެ ބޮޑުކަމުން އޭނާ ވަނީ އޭނާގެ ޚާރިޖީ ސިޔާސަތުގެ އަސާސްތަކާ ބެހޭގޮތުން ވާހަކަ ދެއްކެވުމަށް ފަސްޖެހިވަޑައިގެންފަ އެވެ. ނަމަވެސް ވެރިކަން ލިބިއްޖެނަމަ ކުރައްވާނެ ބައެއް ކަންކަމާބެހޭގޮތުން ޓްރަމްޕް ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން އައިއެސްއާ ދެކޮޅަށް ހަނގުރާމަ ނުކުރާ އަރަބި ގައުމުތަކުން އޭނާގެ ވެރިކަމެއްގައި އެމެރިކާގެ ތެޔޮ ނުގަންނާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ. އަދި ޖަޕާނާއި ދެކުނު ކޮރެޔާއާއި ޖަރުމަނުގެ ދިފާއީ ކަންކަން ބެލެހެއްޓުން އެމެރިކާއަށް ބޮޑު ބުރައަކަށް ވެފައިވާކަމަށް ވިދާޅުވެ އެތިން ގައުމުގައިވާ އެމެރިކާގެ ލަޝްކަރުތައް ވެސް އޭނާގެ ވެރިކަމުގައި އަނބުރައި ގައުމަށް ގެންނަވާނެކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ޓްރަމްޕްގެ ސިޔާސަތުތަކަކީ އެސިޔާސަތުތައް ތަންފީޒުކޮށްފިނަމަ އެމެރިކާ ދުނިޔޭގައި އެކަހެރިވެގެންދާނެ ސިޔާސަތުތަކެއްކަމަށް ބުނާ މީހުންނަށް ވެސް ޓްރަމްޕް ވަނީ ރައްދު ދެއްވާފައެވެ. ޓްރަމްޕް ވިދާޅުވީ އޭނާގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާ އިތުރަށް ވަރުގަދަވާނެ ކަމަށާއި މިހާރު ގެއްލިފައިވާ ދުނިޔޭގެ ގައުމުތަކުގެ އިހްތިރާމް އެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާއަށް އަލުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕްގެ ކޭންޕޭން ޝިއާރަކީ "އެންމެ ފުރަތަމަ އެމެރިކާ" މިޝިއާރެވެ. އޭނާވިދާޅުވީ އެމެރިކާއަކީ ބޮޑުބާރެއް ނަމަވެސް ހުރިހާ ގައުމުތައް އެމެރިކާއިން ވައްކަން ކުރުމަށް ދޫކޮށްލާފައިވާ ސިޔާސަތެއް ގެންގުޅޭ ގަބު ގައުމެއް ކަމުގައެވެ. އޭނާގެ ވެރިކަމުގައި އެމެރިކާ ވިސްނުން ތޫނު ގައުމަކަށް ހަދާނެކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)