28 Mar 2016, 17:17
ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެކަން ކުރެވޭ ގޮތަށް ސިޓިޒެންޝިޕް ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ދިވެހި ރައްޔިތުކަން ދޫކުރުމަށް އިގުރާރު ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ އިގްރާރެއް ހުށަހަޅާ ފަރާތަކީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ފަރާތަކަށް ވާންޖެހެ އެވެ.
އިސްލާހުގައި ބުނެފައި ވަނީ، ދިވެހި ރައްޔިތުކަން ދޫކުރުމަށް ބޭނުންވާ ފަރާތް ރާއްޖޭގައި ދިރިއުޅެމުން ދިއުމާއި ރާއްޖޭގައި ހަނގުރާމައިގެ ހާލަތެއް އޮތުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައި ނުވާ ހާލަތްތަކުގައި މެނުވީ ދިވެހި ރައްޔިތުކަން ދޫކޮށްލުމުގެ އިގުރާރު ރަޖިސްޓްރީ ކުރަންވާނެ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި އެ އިގްރާރު ބަލައި ނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ދިވެހި ރައްޔިތުކަން ދޫކުރާ ފަރާތަކަށް އަނބުރާ ދިވެހި ރައްޔިތުކަން ލިބިގެންދާނެ ކަމަށް އިސްލާހުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުކަން ދޫކުރުމަށްފަހު ހަމަސް ދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން އެ ފަރާތަކަށް ނުލިބުމެވެ.
ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ކޮންމެ މީހަކަށް ގާނޫނުގައިވާ ގޮތުގެ މަތީން ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނެ ކަމަށެވެ.
ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މުބީން ވިދާޅުވީ، ގާނޫނު އަސާސީގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުކަން ދޫކުރެވޭނެ އިޖުރާއަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.