29 Mar 2016, 09:12
މިދިޔަ އަހަރު އެކަނިވެސް ޗައިނާގެ ފަތުރުވެރިން ގައުމުން ބޭރުގައި 215 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކުރި ކަމަށް ވޯލްޑް ޓްރެވަލް އެންޑް ޓުއަރިޒަމް ކައުންސިލް (ޑަބްލިއުޓީޓީސީ) އިން ބުނެފި އެވެ. މިއީ 2014 އަށްވުރެ 53 ޕަސެންޓް އިތުރު އަދަދެކެވެ.
މަޑުޖެހެމުންދާ އިގްތިސާދާއި ހިއްސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތަކާ އެކު ވެސް ޗައިނާ ވަނީ އެމެރިކާ ފަދަ ތަރައްގީވެފައިވާ ގައުމުތަކަށްވުރެ ދަތުރުތަކަށް ހަރަދުކޮށްފައިވާ ފައިސާގެ އަދަދުންނާއި ކޮށްފައިވާ ދަތުރުތަކުގެ ނިސްބަތުން ކުރި ހޯދައިފަ އެވެ.
މިދިޔަ އަހަރުގެ ޗައިނާގެ ފަތުރުވެރިން 120 މިލިއަން ދަތުރު ގައުމުން ބޭރަށް ކޮށްފައިވާ ކަމަށް ޑަބްލިއުޓީޓީސީގެ ރިޕޯޓުން ދައްކަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޗައިނާގެ ފަތުރުވެރިން ގައުމުން ބޭރަށް ކުރާ ފުރަތަމަ ދަތުރުގައި ހިޔާރުކުރަނީ ބޮޑަށް އޭޝިއާގެ ގައުމުތަށް ނަމަވެސް، ޔޫރަޕާއި އެމެރިކާ އަކީ ވެސް ޗައިނާ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލްތަކެވެ. އަދި ފަސޭހައިން ވިސާ ލިބޭ ގައުމުތަކަށް ޗައިނާގެ ފަތުރުވެރިންދާކަން ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ގައުމުން ބޭރަށްދާ ޗައިނާގެ ފަތުރުވެރިން ގިނަވުމުން އެންމެ ބޮޑު ފައިދާއެއް ކުރާ އެއް ގައުމަކީ ޖަޕާނެވެ. ޖަޕާނުން ވަނީ ޗައިނާގެ ފަތުރުވެރިންނަށް ހާއްސަކޮށް އެގައުމުގެ ރަސްމީ ފައިސާ، ޔެންގެ އަގާއި ވިސާގެ ކަންތައް ލުއިފަސޭހަ ކޮށްދީފަ އެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޗައިނާގެ އުމުރުން ދުވަސްވީ މީހުން ގްރޫޕް ޓުއާތައް އިހުތިޔާރުކުރާ އިރު، ޒުވާނުން ގައުމުން ބޭރަށް ޗުއްޓީ ހޭދަކޮށްލަންދަނީ އެކަންޏެވެ.
ޗުއްޓީއަށް ގައުމުން ބޭރަށްދާ ޗައިނާގެ ރައްޔިތުން އިތުރުވެފައިވާ އިރު، ޗައިނާގެ ފަތުރުވެރިކަން އިތުރުވެފައިވަނީ އެންމެ ތިން ޕަސެންޓެވެ.
މައުލޫމާތު: ރަޝިޔާ ޓްޑޭ