29 Mar 2016, 13:52
ސިޔާސީ ޕާޓީގެ ގާނޫނު އައުމުގެ ކުރިން އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާނެ ކަމަށް ބުނެ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ސިޔާސީ ޕާޓީގެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހު ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނަށް، އިނގިލީގެ ނިޝާން ހުށަހަޅަން އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގައި އިނގިލީގެ ނިޝާން ހުށަނާޅައިފި ނަމަ ޕާޓީގެ މެމްބަރު ކަމުން ވަކިވާނެ ކަމަށް ބުނާ އިސްލާހު މަޖިލީހަށް ބަލައިގަތީ މިއަދުގެ ޖަލްސާއަށް ހާޒިރުވި 57 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ތާއީދާ އެކު އެވެ. އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ 21 މެމްބަރުންނެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގައި ސިޔާސީ ޕާޓީގެ މެމްބަރަކަށް ވުމަށް އެދޭ ފަރާތްތަކުން ހުށަހަޅަން ޖެހޭ މައުލޫމަތުގެ ތެރޭގައި އެފަރާތްތަކުގެ އިނގިލީގެ ނިޝާން އޮންނަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެހެންކަމުން ދީދީ އެ އިސްލާހު ހުށަހެޅުއްވީ 2013ގެ ކުރިން ޕާޓީތަކާ ގުޅިފައިވާ މެމްބަރުންގެ އިނގިލީގެ ނިޝާން ހުށަހަޅާފައި ނުވާތީ، ސިޔާސީ ޕާޓީގެ ދަފުތަރުގައި ހިމެނޭ ހުރިހާ މެމްބަރުންގެ ސައްހަކަން އެއް އުސޫލަކުން ކަށަވަރު ކުރެވޭނެ އުސޫލެއް ތައާރަފު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ދޫކުރުމުގައި ރިއާޔަތްކުރަންވާނީ، އެ މުއްދަތުތަކުގެ ތެރޭގައި މައުލޫމާތާއި ތަކެތި ހުށަހެޅި ޕާޓީތަކުގެ ދަފްތަރުތަކަށް ކަމަށް އިސްލާހުގައިވެ އެވެ.
އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ 2013ގެ ކުރިން ހިނގައި ދިޔަ މުއްދަތުގައި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށް އިނގިލީގެ ނިޝާން ހުށަހަޅަން ނުޖެހުމުގެ ސަބަބުން، މެމްބަރުންގެ ނަމުގެ ސައްހަކަމާ މެދު ޝަކުވާތައް އިލެކްޝަންސް ކޮމިޝަނަށް ލިބި އެކަމާ ގުޅިގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އެ އިސްލާހަށް ބަހުސް ކުރައްވަމުން މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމުގައި ސިޔާސީ ޕާޓީތަކަށް ފައިސާ ލިބޭ އުސޫލަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެން ޖެހޭނީ އާއްމު އިންތިހާބުތަކުގައި ކާމިޔާބު ކުރާ ގޮނޑިއަށް ބަލާފައި ކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ޝަރީފުގެ ވާހަކައަށް ތާއީދު ކުރައްވައި ކަނޑިތީމު ދާއިރާގެ މެމްބަރު މުހައްމަދު ހުސައިން ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ފައިސާ ލިބެން ޖެހޭނީ އެޕާޓީތަކުގެ ހަރަކާތްތަކަށް ބެލުމަށްފަހުގައި ކަމަށެވެ.
މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް މެމްބަރުން ވައްދާފައި ވަނީ އޮޅުވާލައިގެން ކަމަށާއި، މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ބިލުން މެމްބަރުންގެ ސައްހަކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނަގައިގެން އެމްޑީޕީ އިން މަސައްކަތް ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަލާމަތް ކުރުމަށާއި ރާއްޖެ ބަދުނާމް ކުރުމަށް ކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ ޕާޓީތައް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ނުލިބޭ ގޮތަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ދީދީގެ އިސްލާހަށް ދެކޮޅު ހައްދަވައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވީ ފަހުން ހަދާފައިވާ ގާނޫނެއްގެ ސަބަބުން ކުރިން ލިބިދީފައިވާ ހައްގެއް ނިގުޅައިނުގަނެވޭނެ ކަމަށް ބަންޑާރަ ނައިބު ވެސް ލަފާދެއްވާފައިވާ ކަމަށެވެ. މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވެސް ވަނީ ހަމަ އެ މޭރުމުން ވާހަކަ ދައްކަވާފަ އެވެ. އަނާރާ ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ކުރިން ސައްހަކަން ހިނގާފައިވާ ކަންކަމުގެ ސައްހަކަން ގެއްލޭ ކަމަށެވެ.