ލާނަކާ (މާޗް 30): އިޖިޕްޓްއޭއާގެ އެމްއެސް 181 އިއްޔެ ހައިޖެކް ކުރި ސައިފް އަލްދިން މުހައްމަދު ބޭނުން ކުރީ ފޭކު ގޮވާ ތަކެތި ހަރުކޮށްފައި ހުރި ކަމަރެއް ކަމަށް ސައިޕްރަސްގެ އޮފިޝަލުން ބުނެފި އެވެ.

އިއްޔެ މިސްރުގެ އެލެގްޒެންޑްރިއާ އިން އިން ކައިރޯއަށް ދަތުރުކުރި އެމްއެސް181ގައި ދަތުރުކުރި މުސްތަފާ ވަނީ އޭނާގެ އަތުގައި ގޮވާ ޒާތުގެ ތަކެތި ހަރުކޮށްފައި ހުރި ބެލްޓެއް އޮތް ކަމަށް ބުނެ ޕައިލެޓަށް ބިރު ދައްކާ، ބޯޓު ސައިޕްރަސްގައި ޖައްސުވާފަ އެވެ.

މުސްތަފާ ހައްޔަރު ކުރުމުގެ ކުރިންވެސް މިސްރުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އޭނާ އަތުގައި ގޮވާ ޒާތުގެ ތަކެތި ހުރި ކަމާމެދު ޝައްކު އުފެދޭ ކަމަށް ބުނެފަ އެވެ.

"މިސްރުގެ އެއާޕޯޓްތަކުގައި ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައި ހުރުމުން އަޅުގަނޑަށް ޝައްކު ކުރެވޭ އޭނަ އަތުގައި ގޮވާޒާތުގެ އެއްޗެހި ހުރި ކަމަށް،" ސިވިލް އޭވިއޭޝަން މިނިސްޓްރީގެ ތަރުޖަމާނު އިހާބް ރަސްލާން ވިދާޅުވި އެވެ.

އަދި މުސްތަފާ އަމިއްލަ އަށް ސައިޕްރަސްގެ ފުލުހުންނާ ހަވާލުވެ، އޭނާ ހައްޔަރު ކުރެވުމުން ސައިޕްރަސްގެ އޮފިޝަލުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އޭނާއަކީ "ނަފްސާނީ މައްސަލަތައް" ހުރި މީހެއް ކަމަށް ބެލެވޭ ކަމަށް ސައިޕްރަސްގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މުސްތަފާ ބޯޓު ހައިޖެކް ކުރީ ސައިޕްރަސްއަށް ނިސްބަތްވާ އޭނާގެ ކުރީގެ އަނބިމީހާއާ ވާހަކަ ދެއްކުމަށެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނީ ބޯޓު ސައިޕްރަސްގައި ޖެއްސުމުން އޭނާ ވަނީ އަރަބިން ލިޔެފައިވާ ސިޓީއެއް އޭނާގެ ކުރީގެ އަނބިމީހާއަށް ހަވާލުކޮށް ދިނުމަށް އެދި ބޯޓުން ބޭރަށް އެއްލާލާފަ ކަމަށެވެ. އަދި މުސްތަފާއާ ވާހަކަ ދައްކަން އޭނާގެ ކުރީގެ އަނބިމީހާ އެއާޕޯޓަށް ދިޔަ ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ވަނީ މުސްތަފާ ބޭނުންވީ އީޔޫ އޮފިޝަލުންނާ ވާހަކަ ދައްކާ ސައިޕްރަސް އިން ހިމާޔަތް ހޯދަން ކަމަށްވެސް ބުނެފަ އެވެ. އަދި މިސްރުގެ ޖަލެއްގައި ތިބި ބައެއް އަންހެން ގައިދީން މިނިވަން ކުރަން މުސްތަފާ ބުނި ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައިވެ އެވެ.

ސައިޕްރަސްގެ ރައީސް ވަނީ އެއީ ޓެރަރިޒަމްއާ ގުޅުން ހުރި އަމަލެއް ނޫން ކަން ކަށަވަރު ކޮށްދެއްވާފަ އެވެ. (ގާޑިއަން)