30 Mar 2016, 11:48
ޔަންގޮން (މާޗް 30): މިޔަންމާގެ ރައީސް ކަމަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުން މި މަހު އިންތިހާބު ކުރި ޓިން ޗޯ، ރައީސް ކަމުގެ ހުވާ ކުރައްވައިފި އެވެ.
ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ)އަށް ނިސްބަތްވާ އަދި ސޫޗީގެ އަރިސް ފަރާތެއް ކަމަށްވާ ޓިން ޗޯ ރައީސް ކަމުގެ ހުވާ ކުރެއްވީ މިޔަންމާގެ ސަރުކާރަށް ބޮޑެތި އިސްލާހުތައް ގެންނެވި ކުރީގެ ރައީސް، ތެއިން ސެއިންގެ ވެރިކަމުގެ ދައުރު ނިމުމުންނެވެ.
ރައީސް ކަމުގެ ހުވާ ކުރައްވަމުން 69 އަހަރުގެ ޓިން ޗޯ ވަނީ "ރައްޔިތުންނަށް ވަފާތެރިވެވަޑައިގަންނަވާނެ" ކަމަށް ވިދާޅުވެފަ އެވެ.
މިއަދު މިޔަންމާގެ ރައްޔިތުންގެ މަޖިލީހުގައި އޮތް ހަފްލާއެއްގައި ނޮބެލް ސުލްހައިގެ އިނާމް ހާސިލްކޮށްފައިވާ އަންގް ސަން ސޫޗީ ވަނީ އެ ގައުމުގެ ހާރިޖީ، ތައުލީމީ އަދި ހަކަތައިގެ މިނިސްޓަރު ކަމުގެ ހުވާކުރައްވާފަ އެވެ.
މިޔަންމާގައި ބޭއްވި އާންމު އިންތިޚާބުގައި، ސޫކީގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބުނު ނަމަވެސް، ސޫޗީ އަށް އެ ގައުމުގެ ރައީސްގެ މަގާމަށް ވަޑައިގަނެވޭނެ ގޮތް ވަނީ ނުވެފަ އެވެ.
ސަބަބަކީ، ބޭރު ގައުމެއްގެ ރައްޔިތުންގެ ގޮތުގައި ދަރީން ރަޖިސްޓާކޮށްފައިވާ މީހަކަށް މިޔަންމާގެ ރިޔާސަތަށް ވަޑައިނުގަނެވޭނެ ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި ލިޔެވިފައި ވާތީ އެވެ. ސޫކީގެ ނިޔާވެފައިވާ ފިރިމީހާއަކީ އިނގިރޭސި ރައްޔިތެކެވެ. އަދި އެ ދެމަފިރިންނަށް ލިބިފައިވާ ދެ ދަރީންނަކީ ވެސް އިނގިރޭސި ރައްޔިތުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ދެ ދަރީންނެވެ.
މީގެ ދެ ހަފްތާ ކުރިން މިޔަންމާގެ ރައީސަކު ހޮވުމަށް އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އިންތިހާބުން ދެވަނަ އާއި ތިން ވަނައަށް ވަޑައިގެންނެވި ދެބޭފުޅުން ވަނީ ނައިބު ރައީސް ކަމުގެ ހުވާ ކުރައްވާފަ އެވެ.
މިޔަންމާގެ އަލަށް އެކުލަވާލާފައިވާ ކެބިނެޓުގައި ގިނައީ އެންއެލްޑީގެ މެމްބަރުން ކަމަށްވީ ނަމަވެސް، ގައުމުގެ އެންމެ މުހިއްމު މިނިސްޓްރީތަކުގެ ތެރޭގައި ހިމެނޭ ޑިފެންސް މިނިސްޓްރީ އާއި ހޯމް އެފެއާޒް އާއި ބޯޑާ އެފެއާޒް އަށް މިނިސްޓަރުން އައްޔަން ކުރާނީ މިޔަންމާގެ އަސްކަރިއްޔާއިންނެވެ. (ބީބީސީ)