31 Mar 2016, 14:46
ޕެރިސް (މާޗް 31): މުސްލިމް އަންހެނުން ބުރުގާ އެޅުމަކީ ކަޅު ނަސްލުގެ މީހުން އަޅުވެތިކަން ގަބޫލު ކުރުން ފަދަ ކަމެއް ކަމަށް ފްރާންސުގެ އަންހެނުންގެ ހައްގުތަކާ ބެހޭ މިނިސްޓަރު، ލޯރެންސް ރަޒިގްނޯލް ވިދާޅުވުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އެކަމަނާގެ އިސްތިއުފާ އަށް ގޮވައިފި އެވެ.
ރަޒިގްނޯލް އެހެން ވިދާޅުވީ މުސްލިމް ފެޝަންގެ ދާއިރާއާ ބެހޭ ގޮތުން ފްރާންސްގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
"އިސްލާމީ ހެދުމުގެ މާކެޓުގައި ކުންފުނިތަކުން އިންވެސްޓު ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް. އަދި އެއީ އަންހެނުންގެ ހަށިގަނޑު ފޮރުވާފައި ބެހެއްޓުމަށް ތާއިދު ކުރުން،" ރަޒިގްނޯލް ވިދާޅުވި އެވެ.
ފްރާންސުގައި ސަރުކާރު ވަޒީފާ އަދާ ކުރާ މީހުންނާއި، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުން ބުރުގާ އެޅުމަކީ މަނާ ކަމެކެވެ. އަދި 2011 ވަނަ އެގައުމުން ވަނީ މޫނު ބުރުގާ އެޅުން މަނާކޮށްފަ އެވެ.
"[ފްރާންސުން] ދެން ހަދާނީ ފެޝަން ކުންފުނިތަކުން ދިގު ތިރި އާއި، އަތް ދިގު [ހެދުމާއި]، ބުރުގާ ވިއްކުން މަނާ ކުރާ ގާނޫނެއްބާ؟" ޓުވިޓާ ބޭނުން ކުރާ ފަރާތަކުން ބުނެފައިވެ އެވެ.
މީގެ އިތުރުން، އެ އިންޓަވިއުގައި ކަޅު ނަސްލުގެ ރައްޔިތުންނަށް ނިސްބަތްކޮށް ބޭނުން ކުރުން އެކަށީގެން ނުވާ ބަހެއް ރަޒިގްނޯލް ބޭނުން ކުރުމުގެ ސަބަބުން ގިނަ ބަޔަކު ވަނީ އޭނާއަކީ ނަސްލީ ތަފާތު ކުރުންތަކަށް ތާއިދު ކުރާ މީހެއް ކަމަށް ބުނެފަ އެވެ. އަދި މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައި ޕެޓިޝަނެއް އެކުލަވާލައިފަ އެވެ. އެ ޕެޓިޝަން އެކުލަވާލިތާ މާގިނަ އިރެއް ނުވެ 10،000 އަށް ވުރެ ގިނަ މީހުން ވަނީ ޕެޓިޝަނަށް ތާއިދުކޮށް ސޮއި ދީފަ އެވެ. (އަލްޖަޒީރާ)