ކޮންމެ ދުވަހަކު ވެސް ހޭލަނީ ސްޓާ ޕްލަސް، ޒީޓީވީ ނުވަތަ އެހެން ކޮންމެވެސް ޗެނަލަކުން އަންނަ އެންމެ ކަމުދާ ސީރީޒް ބެލޭނެ ކަމުގެ އުއްމީދުގަ އެވެ. އެހެންނަމަވެސް އެ ދުވަހެއްގައި ކުރަން ތާވަލު ކުރެވިފައި ހުރި މަސައްކަތްތައް ފެނުމާ އެކު އެ އުއްމީދުތައް ފުނޑުފުނޑުވެ އަނދައި އަޅިއަށްވެ އެވެ. މަސައްކަތް ނުނިމި އުޅެނީސް ގަޑިން މެންދަމު 12 ޖަހަ އެވެ. ދެންވީ ނިދަން އޮށޯންނާށެވެ.

ބަލަން އުއްމީދުކޮށްގެން ހުރި ސީރީޒް ވެސް ނުބެލުނެވެ. އެންމެ ކުޑަމިނުން ރިކޯޑެއް ވެސް ނުކުރެވުނެވެ. ހަފުތާގެ ހުރިހާ ދުވަހެއް ހޭދަވެގެން ދަނީ މިފަދަ ގޮތަކަށެވެ.

އެހެންނަމަވެސް ހާސްވެ ދެރަވާނެ ކަމެއް ނެތެވެ. މީޑިއާ ނެޓްގެ ކެޗްއަޕް ޓީވީ އަކީ އެކަމަށް އޮތް ހައްލެކެވެ. މީޑިއާ ނެޓްގެ ކެޗްއަޕްޓީވީ ފެސިލިޓީ މެދުވެރިކޮށް ފާއިތުވި ހަތަރު ދުވަހު ނުބެލި ހުރި ސީރީޒްތަކާއި ޝޯވްތައް އަދި ޕްރޮގުރާމްތައް ބެލުމުގެ ފުރުސަތު ފަހިވެ އެވެ.

މީޑިއާ ނެޓްގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ސިމާނާ އިސްމާއިލް، ކެޗްއަޕް ޓީވީ އާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަނީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

އެ ހިދުމަތާ ގުޅޭ ގޮތުން ސަން އަށް މައުލޫމާތު ދެމުން މީޑިއާ ނެޓްގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ސިމާނާ އިސްމާއިލް ވިދާޅުވީ، ކެޗްއަޕް ޓީވީގެ އެހީގައި އެމީހެއްގެ "އަމިއްލަ ގަޑީގައި" ބޭނުން ސީރީޒްތަކާއި ޕްރޮގުރާމްތައް ބެލޭނެ ކަމަށެވެ.

"ކެޗްއަޕް ޓީވީ ފެސިލިޓީ ބޭނުން ކުރެވޭނެ ކޮންމެ މީހެއްގެ އަމިއްލަ ގަޑީގައި ކޮންމެ ކަސްޓަމަރެއް ވެސް އެމީހެއްގެ އަމިއްލަ ކޮންޓްރޯލްގައި. މިހާރު ކެޗްއަޕް ޓީވީ ސާވިސް މެދުވެރިކޮށް ވަކި ޝެޑިއުލް އެއް ފޮލޯ ކުރާކަށް ނުޖެހޭ. ހަމަ ދާ ގޮތަށް ދާންވީ ބޭނުން ދުވަހަކަށް ދާންވީ. ހަތަރު ދުވަސް އަޅުގަނޑުމެން މި ދެނީ،" ސިމާނާ ވިދާޅުވި އެވެ.

ސިމާނާ ވިދާޅުވީ، ކެޗްއަޕް ޓީވީ ފެސިލިޓީގެ އެހީގައި މިހާރު 20 ޗެނަލު ބަލާލެވޭނެ ކަމަށާއި، އެ ޗެނަލްތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ބަލާ ލޯކަލް އަދި އިންޓަނޭޝަނަލް ޗެނަލްތައް ހިމެނޭނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން މި ބަލަނީ ބޮޑަށް ޗެނަލްތައް އިތުރު ކުރާއިރު، ޕަބްލިކު އެންމެ ބޮޑަށް ބޭނުންވާނެ ޗެނަލްތައް އެހެންނޫނީ އެންމެ ޑިމާންޑެޑް ޗެނަލްތައް އެންމެ ބަލާ ހިތްވާ ކަހަލަ ޕްރޮގުރާމްސް ތައް ލާފަ ހުންނަ ޗެނަލްތައް،" ސިމާނާ ވިދާޅުވި އެވެ.

ކެޗް އަޕްޓީވީ އަކީ ކޮންމެ މީހަކަށް ވެސް ފަސޭހަކަމާ އެކު ބޭނުން ކުރެވިދާނެ ނުވަތަ އޮޕަރޭޓް ކުރެވިދާނެ ޓީވީ އެކެވެ.

"ވަރަށް އީޒީ ކޮންމެ ބޭފުޅަކަށް ވެސް ވަރަށް ފްރެންޑްލީ ކޮށް ބޭނުން ކުރެވޭނެ ކަހަލަ ގޮތަކަށް މި އިންނަނީ ހަދާފައި. މިއަށް ބަލައިލާ އިރު ވެސް ފެންނާނެ، ހޯމް، ޗެނަލް ޒޯން، ޑޭ ވައިސް. ބޭނުން ޗެނަލްއަކުން ވެސް ސާޗް ކޮށްލެވިދާނެ،" ކެޗް އަޕްޓީވީގެ ފަސޭހަތަކާ ގުޅޭ ގޮތުން ސިމާނާ ވިދާޅުވި އެވެ.

ކެޗްއަޕް ޓީވީގެ ހިދުމަތް ލިބިގަތުމަށް ގަންނަން ޖެހޭ މޮޑެމް --- ސަން/ފޮޓޯ: ފަޔާޒް މޫސާ

ކެޗް އަޕްޓީވީ އަކީ މީޑިއާ ނެޓުން ހިލޭ ދޫކުރަމުން އަންނަ ހިދުމަތެކެވެ. އެހެންނަމަވެސް އެ ހިދުމަތް ލިބިގަތުމަށް މީޑިއާ ނެޓު ބޭނުންކުރާ ގެތަކުން 750 ރުފިޔާއަށް ދޭ މޮޑެމް އެެއް ގަންނަން ޖެހެ އެވެ.

"މީޑިއާ ނެޓްގެ މޮޑެމްސްތައް. ވަރަށް ގިނަ ގޭގޭގައި ހުރޭ އެ މޮޑެމްތައް މެދުވެރިކޮށް މި ލިބެނީ އޯޕެން ޓީވީގެ ހިދުމަތްތައް. ހަމަ މި މޮޑެމް އިންނަ ގެއެއް ވެއްޖިއްޔާ މީޑިއާ ނެޓަށް ގުޅާލީމަ ރަޖިސްޓާ ކޮށްލީމަ މި ހިދުމަތް ލިބިގެންދާނެ. މި މޮޑަމް 750 އަށް ލިބޭނެ،" ސިމާނާ ވިދާޅުވި އެވެ.

މީޑިއާ ނެޓްގެ ކެޗްއަޕް ޓީވީ --- ސަން/ފޮޓޯ: ފަޔާޒް މޫސާ

ސިމާނާ ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ކެޗްއަޕްޓީވީގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ލައިފް ސްޓައިލް ޗެނަލް އެބަ ހުރި، މޫވީ ޗެނަލްވެސް އެބަ ހުރި. ކުރިއަށް އޮތް ތާނގައި އާ ޗެނަލްތައް ވެސް މިއަށް އިންޕުޓް ކުރާނެ،" ސިމާނާ ވިދާޅުވި އެވެ.

މީގެ ދެ ހަފްތާ ކުރިން ލޯންޗު ކުރި އެ ހިދުމަތް މާލޭގެ ގިނަ ގެތަކަކުން މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ. އަދި އެ ހިދުމަތަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް މީޑިއާ ނެޓުން ބުނެ އެވެ.

އެހެންކަމުން ޑްރާމާ ނުބެލިގެން ނުވަތަ ޝޯވްއެއް ނުބެލިގެން މިހާރު ދެރަވެ ކަންބޮޑުވާކަށް ނުޖެހެ އެވެ. އެއްވެސް އިތުރު މަސައްކަތަކާ ނުލާ އެމީހަކު ބަލާލަން ބޭނުންވާ ޝޯވްތަކާއި ޑްރާމާ އަދި ޕްރޮގުރާމްތައް ވެސް ކެޗް އަޕްޓީވީގެ އެހީގައި ބަލާލެވޭނެ އެވެ.