ފައިސާއާއި ޗެކު ޖަމާކުރެވޭ ގޮތަށް ހަދާފައި ހުންނަ ސެލްފް ސާވިސް އޭޓީއެމްގެ ޚިދުމަތް، ބޭންކް އޮފް މޯލްޑިވްސްއިން އަތޮޅުތެރެއަށް ފުޅާކޮށް، މި ބާވަތުގެ އޭޓީއެމް ސެންޓަރެއް ހދ. ހަނިމާދޫއާއި ހދ.ކުޅުދުއްފުށީގައި ގާއިމުކޮށްފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބުނީ، މި ސެލްފް ސާވިސް އޭޓީއެމް ސެންޓަރު ކުޅުދުއްފުށްޓާއި ހަނިމާދޫގައި ގާއިމުކޮށް، އޭގެ ޚިދުމަތް ދޭން ފެށުމުން އާންމުންނާއި ވިޔަފާރިތަކަށް ލުއި ފަސޭހަ ގޮތެއްގައި ބީއެމްއެލްގެ ޚިދުމަތްތައް ލިބިގެން ދާނެކަމަށެވެ. އެގޮތުން، ފައިސާ ނެގުމާއި ފައިސާއާއި ޗެކު ޖަމާކުރުމުގެ އިތުރުން ފައިސާ ޓްރާންސްފާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު މި ސެންޓަރުތަކުން ލިބެމުން ދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްގެ ޚިދުމަތްތައް ރާއްޖޭގެ އަތޮޅުތަކަށް ފުޅާކުރުމަކީ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ސެލްފް ސާވިސް ބެންކިންގ ޚިދުމަތާއި އެކު ހަނިމާދޫއާއި ކުޅުދުއްފުށީގެ އަމިއްލަ އަދި ވިޔަފާރިތަކުގެ އިތުރުން މި ރަށްރަށަށް ޒިޔާރަތް ކުރާ އެތައް ބަޔަކަށް ބޭންކުގެ ޚިދުމަތް ހޯދުމަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ،" ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ ވިދާޅުވި އެވެ.

ހދ. އަތޮޅަށް ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގގެ ޚިދުމަތް ފުޅާކުރުމުގެ ކުރިން، އެ ޚިދުމަތް ކ. މާފުށި އަދި ވ. ފެލިދޫގައި ދިޔައީ ދެވެމުންނެވެ. އަދި މި ޚިދުމަތް ދެވޭ އިތުރު ފަސް ބްރާންޗެއް މިއަހަރު ހުޅުވުމަށް ބީއެމްއެލްއިން ނިންމާފައި ވެ އެވެ.

މިހާރު ބީއެމްއެލްގެ ބޭންކިންގ ވިއުގައިގައި 29 ބްރާންޗު، 76 އޭޓީއެމް، 3،200 ޕޮއިންޓް އޮފް ސޭލް މާރޗަންޓުން، 177 ކޭޝް އޭޖެންޓުން، ޖުމްލަ 14 ސެލްފް ސާވިސް ބޭންކު ސެންޓަރު އަދި ފަސް ދޯނި ބޭންކިންގ ޔުނިޓު ހިމެނެ އެވެ.