03 Apr 2016, 09:06
ބައެއް ފަހަރު ބޮލުގައި ރިއްސާވަރުން މަސައްކަތެއް ނުކުރެވެ އެވެ. އަނެއް ބައި ފަހަރު ހަށިގަނޑުގެ ކޮންމެވެސް ނާޒުކު ގުނަވަނަކަށް ނުރައްކާ ތަދެއް އަރާހެން ހީވެ އެވެ. އެއާ އެކު މުޅި މީހާ ފިނިވެ އެވެ. ބިރުން ތެޅިފޮޅިގަނެވެ އެވެ. ހޮސްޕިޓަލާއި ހިސާބަށް ނުގޮސް ހައްލުވަނީ މަދުފަހަރެއްގަ އެވެ. މުޅި މީހާ ހުންނަނީ މާޔޫސީކަމެއްގެ ތެރޭގަ އެވެ. މިއީ އިންތިހާއަށް މަސައްކަތައް ލޯބިކުރި ޒުވާނާގެ މިއަދުގެ ހާލެވެ.
އޭލަވަލް ނިންމުމަށް ފަހު އެ ޒުވާނާ ވަޒީފާއަށް ނުކުތީ އޭވިއޭޝަން ދާއިރާއަށެވެ. ފުލައިޓުތަކަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތަށެވެ. އެއީ އޭނާގެ ފުރަތަމަ ވަޒީފާ އެވެ. މަސައްކަތްތައް ކުރަމުން ދިއައީ ވަރަށް ވެސް ޝައުގުވެރިކަމާއެކު އެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތަށް ވުރެ މާގިނަ ވަގުތު އޭނާ މަސައްކަތުގައި ހޭދަކުރަން ފެށި އެވެ. އޮފީހުން ހަވާލުކުރާ ހުރިހާ މަސައްކަތަކަށް ނޫނެކޭ ނުބުނެ އެކަންކަމާއި ހަވާލުވާންފެށި އެވެ. ނޫނެކޭ ބުނުން އޭނާއަށްވެގެން ދިޔައީ ލަދުވެތި ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން މީހާއަށް ކެތްނުވާވަރަށް މަސައްކަތް ކުރަން ފެށި އެވެ.
އެހެން މީހުންގެ ޒިންމާގެ ދަށުން ނުކުރާ މަސައްކަތްތަކާ ވެސް އޭނާ ހަވާލުވުމުގެ ނަތީޖާއަކަށްވީ ގަޑިންގަޑިއަށް ކެއުންބުއިމަށް ވެސް ވަގުތު ނުލިބިގެން ދިއުމެވެ. ކެއުމުގެ ބަދަލުގައި ކޮންމެވެސް އެނާޖީ ޑްރިންއަކުން ފުއްދާލަން ޖެހޭ ގޮތަށް ކޮންމެ ދުވަހެއްގެ ޝެޑިއުލް ބަދަލުވެގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން ގޭސްޓްރިކް މައްސަލަތައް ދިމާވާން ފެށި އެވެ.

ކުރީގައި ކުޅިވަރުތައް ކުޅުމާއި ކަސްރަތައް ލޯބި ކުރި ޒުވާނާއަށް އެކަންކަމަށް އެއްވެސް ވަގުތެއް ނުދެވެން ފެށި އެވެ. އޭނާގެ ދުވަހުގެ ޝެޑިއުލްގައި ހަމައެކަނި މަސައްކަތް ކުރުމާއި ނިދުން ނޫން ކަމެއް ނޯނަން ފެށި އެވެ. ނިދާ ހޭލައިގެން އޮފީހަށް ދާ މީހާ އަށް އަނބުރާ ގެއަށް އާދެވެނީ އަނެއްކާ ވެސް ނިދަންށެވެ.
ފަހަކަށް އައިސް މުޅި މީހާ ބަލިވާން ފެށި އެވެ. އަބަދުވެސް ވަރުބަލިކަމާއި މާޔޫސްކަން އިހުސާސްވާން ފެށި އެވެ. މަސައްކަތައް ފަރުވާލެއް ނުބެހެއްޓެ އެވެ. އަބަދުހެން ބޮލަށް ބަރުވެފައި ހުރުމާއި ކަންކަން މަތިން ފޫހިވެފައި ހުންނަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ރަނގަޅަކަށް މަސައްކަތެއް ނުކުރެވޭތާ އަބަދު ވެސް މީހާއަށް ކޮންމެވެސް ނުރައްކާތެރި ކަމެއް ވާން އުޅޭހެންހީވެ އެވެ.
އެއް ދުވަހަކު މަސައްކަތުގައި އުޅެނިކޮށް މެއަށް ތަދެއް އެރި އެވެ. އޭނާ ހީކުރީ މަރުގެ އެތިފަހަރެއްގެ ކަމަށެވެ. އެއީ ހާޓްއަޓޭކެއް ޖެހުނީ ކަމަށެވެ. އެކުވެރިއެއްގެ އެހީތެރިކަމާ އެކު އަވަހަށް ހޮސްޕިޓަލަށް ދިޔަ އެވެ. ހިތުގެ ޓެސްޓްތައް ހެދުމަށް ފަހު ޑޮކްޓަރު ބުނީ ހުރިހާ ޓެސްޓްތައް ރަނގަޅު ކަމަށެވެ. އެހިސާބުން އެނގުނު ގޮތުގައި އެއީ އެންޒައިޓީ އެވެ.
އެންޒައިޓީއަކީ ކޮބާ؟
ކުދިކުދި ކަންތައްތަކާ ހާސްވުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ދިމާވާ ކަމެކެވެ. ސަބަބަކީ ހާސްވުން ގުޅިފައިވަނީ މީހާގެ ވިސްނުމާއި، ފިކުރާއި އިހްސާސްތަކާ އުޅުމާ ކަމުގައި ވާތީ އެވެ. އެހެންކަމުން ހާސްވެ ކަންބޮޑުވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބައެއް ފަހަރު ފިކުރުކުރުން އިންތިހާއާށް ބޮޑުވެ، އެކަން ބައްޔަކަށް ބަދަލުވެ އެވެ. އެ ބައްޔަށް ކިޔަނީ އެންޒައިޓީ އެވެ. ފިކުރުކުރުމާއި ހާސްވުން ބައްޔަކަށް ބަދަލުވަނީ އެކަމުގައި ހޭދަވާ ވަގުތު އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫ އަރަން ފެށުމުންނެވެ.
އެންޒައިޓީ ސަބަބުން މީހާ އާދަޔާ ހިލާފަށް ބިރުގަނެ، އެހެން މީހުންނާ މުހާތަބު ކުރުމަށް ފަސްޖެހި، ނިދަން އުނދަގޫވުން ފަދަ ކަންތައްތަކާ ކުރިމަތިލާން ޖެހެ އެވެ. ހަމައެއާ އެކު އަވަސް އަވަހަށް މޭތެޅުމާއި ދާހިތްލުމުގެ އިތުރުން ނޭވާލާން އުނދަގޫވުމަކީ އެބަލީގެ ސަބަބުން ދިމާވާ ކަންކަމެވެ. ހަދާންބަލިވުމާއި ރުޅިގަދަވުމަކީ ވެސް އެބަލީގެ ސަބަބުން ދިމާވާ ކަންކަމެވެ.
އެބަލީގެ ސަބަބުން ކުރިން ޖެހިލުން ނުވާ އެތައް ކަމަކަށް ޖެހިލުންވާންފަށަ އެވެ. އެއާ އެކު ދަތުރުފަތުރު ކުރުމާއި އެކަނި އުޅުން ފަދަ ކަންކަމުގައި ފަސްޖެހެ އެވެ. ހަމައެއާ އެކު އަމިއްލަ ނަފްސަށް އޮންނައިތުބާރު ދަށްވެ ބައެއްކަންކަން އަމިއްލައަށް ކުރެވޭނެކަން ގަބޫލް ނުކުރެވޭ ހިސާބަށްދެ އެވެ.
އަސްލުމިވަނީ ކިހިނެއް؟
މިއީ އެތައް ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިކަން މިގޮތަށް ދިމާވާ މައިގަނޑު ސަބަބަކީ "ވޯކިން ސްޓްރެސް" އެވެ. ވަޒީފާގެ މާހައުލުގައި އުޅޭ ކޮންމެ މީހަކީ ވެސް، މަސައްކަތުގެ ސަބަބުން ކޮންމެސް ކަހަލަ ސްޓްރެސް އެއް ކުރިމަތިވާނެ މީހެކެވެ. އެހެނީ މަސައްކަތުގައި ހިތްހަމަ ޖެހޭ ކަންތައްތަކާއި ހިތްހަމަ ނުޖެހޭ ކަންތައްތައް ހުންނާނެތީ އެވެ. އަދި އަޅުގަނޑުމެންނަކީ އިންސާނުން ކަމަށް ވުމުން، ހުރިހާ ކަމެއް ފުރިހަމައެއް ވެސް ނުވާނެ އެވެ. ހުރިހާ ކަމެއް އެންމެ ރަނގަޅަށް ވެސް ނުކުރެވިދާނެ އެވެ. މަސައްކަތް ވަގުތަށް ނުނިންމޭ ފަހަރު ވެސް އަތުވެދާނެ އެވެ. އެކަހަލަ ކަންތައްތަކުގެ ސަބަބުން މީހާ ސްޓްރެސް ވާނެ އެވެ. ވަޒީފާގެ ސަބަބުން ލިބޭ ސްޓްރެސް އަކީ ސީރިއަސް ކަމެކެވެ. އެކަމުގެ ސަބަބުން މީހާއަށް ނަފްސާނީ ގެއްލުމާއި ސިއްހީ ގެއްލުން ވެސް ކުރިމަތިވާ ކަމެކެވެ.
މިފަދަ މައްސަލަތައް ދިމާވާ ފަރާތްތަކުން ލަސްނުކޮށް ފަރުވާ ހޯދުން މުހިންމެވެ. އެގޮތުން ނަފްސާނީ ޑޮކްޓަރެއް ނުވަތަ ކައުންސިލިން ދޭ ފަރާތެއް ހިޔާރު ކުރެވިދާނެ އެވެ. އެކަން ދިމާވެފައިވާ މިންވަރަކަށް ބަލައި ބޭސްދީގެން ނުވަތަ ކައުންސިލިން ދީގެން އެބަލިން ސަލާމަތްވެވިދާނެ އެވެ.
މަސައްކަތް ޝެޑިއުލްކޮށްލާ!
ނަފްސާނީ ބައްޔަށްފަރުވާދޭ އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ޕަސްކުއަލް ވިދާޅުވާ ގޮތުގައި ވަޒީފާ މާހައުލުގައި ދިމާވާ ދަތިތަކާއި މައްސަލަތައް ތިމާގެ މަތިން ހުންނަ ފަރާތްތަކަށް އަންގައި ބުނެދިނުމަކީ ސްޓްރެސް ދަށް ކުރެވޭނެ ކަންކަމެވެ.

ސައިކޮލޮޖިސްޓް ދިމުތު ސަން އަށް އިންޓަވިއު ދެނީ-- ސަން ފައިލް ފޮޓޯ
ތިމާއަށް ކުރެވޭވަރަށް މަސައްކަތްތަކާއި ހަވާލުވުމާއި އިތުރަށް މަސައްކަތް ހަވާލުކުރާނަމަ އެ މަސައްކަތްތައް ހަމަޖެހިގެން ނިންމުމަށް އިތުރު ވަގުތު ހޯދުމަށް ވެސް ދިމުތު ލަފާއަރުވަ އެވެ.
ތިމާކުރާ ހަމައެކަނި ކަމަކީ މަސައްކަތްކަމަށް ނުހެދުމާއި އިތުރު ކަންކަމަށް ވަގުތު ދިނުމާއި ކަސްރަތުފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ދިމުތު ލަފާދެއްވަ އެވެ. ހަމައެއާ އެކު ގަޑިންގަޑިއަށް ކެއުމަކީ ވެސް އެފަދަ ބަލިތަކުން ސަލާމަތްވުމަށް އެޅިދާނެ ވިޔަވަލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކުރި ހާދިސާގައި ހިނގި ކަމަކީ އެތައް ބަޔަކަށް ދިމާވެފައިވާ މައްސަލައެކެވެ. އެމީހުންނަށް އެކަންކަން ދިމާވާ މައިގަނޑު މައްސަލައަކީ މަސައްކަތު ވަގުތުތައް ބަހާލައިގެން އުޅެން ނޭންގުމެވެ. ނަތީޖާއަކަށް ވެގެން ދަނީ އެކަން ބައްޔަކަށް ބަދަލުވެގެން ދިއުމެވެ.
----------------------------------------------------------------------------
ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ހަ ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.
މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.