03 Apr 2016, 10:35
އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ޓަކައި ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯދުމަށް މަސައްކަތް ކުރައްވާ ހަރުކަށި ޚިޔާލުގެ ޑޮނަލްޑް ޓްރަމްޕް، ސައޫދީ އަރަބިޔާ ދިފާއުކުރުމުގައި އެމެރިކާ ގެންގުޅޭ ސިޔާސަތަށާއި އަދި ނޭޓޯއަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ވިސްކޮންސަން ސްޓޭޓްގައި ބޭއްވި ކެމްޕޭން އެއްވުމެއްގައި ތަގްރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، ސައޫދީގެ ޙިމާޔަތުގައި އެމެރިކާ މަސައްކަތްކުރާ މިންވަރާ ގާތަށްވެސް ސައޫދީގެ ފަރާތުން އެމެރިކާއަށް އެއްޗެއް ނުލިބޭކަމުގައެވެ. ސައޫދީން ނުރުހުންވާ ކަމެއްކުރަން އެމެރިކާއަށް ނުކެރޭކަމީ މައްސަލައެއްކަމަށް ސިފަކުރައްވަމުން ޓްރަމްޕް ވަނީ ސައޫދީގެ ޙިމާޔަތުގައި އެމެރިކާ އާދަޔާ ޚިލާފު ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ސަބަބާމެދުގައިވެސް ސުވާލު އުފައްދަވާފައެވެ.
ޓްރަމްޕްގެ ވާހަކައިގައި 28 ގައުމު ހިމެނޭ ނޭޓޯއަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. މިގޮތުން ނޭޓޯއަކީ މިޒަމާނަށް ނުފެތޭ ބޯދާ ޙާލަތުގައި އޮތް ޖަމާއަތެއްކަމަށް ޓްރަމްޕް ސިފަކުރެއްވިއެވެ. އަދި ނޭޓޯގެ ގައުމުތަކުންވެސް އެމެރިކާގެ ދިފާއުގައި ކޮށްދޭ މާބޮޑުކަމެއްނެތްކަމަށާއި ނޭޓޯއަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައިވެސް ކުރަނީ އެމެރިކާކަމަށާއި މިއީ މައްސަލައެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މީގެކުރިން އޭނާ ވަނީ، އެމެރިކާގެ ބައިވެރިންކަމަށް އެމެރިކާ ސިފަކުރާ ޖަޕާން، ދެކުނު ކޮރެޔާ އަދި ޖަރުމަނު ފަދަ ގައުމުތަކުގެ ދިފާއީ ކަންކަމުން އެމެރިކާ އެއްކިބާވުމަށާއި އަދި އެގައުމުތަކުގެ ދިފާއުކުރުމުގެ ކަންތައް އެގައުމުތަކާ ހަވާލުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެގައުމުތައް އަމިއްލައަށް ދިފާއުވުމަށްޓަކައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އެގައުމުތަކަށް ދިނުމަށްވެސް ޓްރަމްޕް ގޮވާލެއްވިއެވެ.
ދެވަނަ ބޮޑުހަނގުރާމައަށްފަހު އެމެރިކާގެން ގުޅެމުންދާ ސިޔާސަތަކީ މިގައުމުތައް ދިފާއީ ކަންކަމާ އެމެރިކާ ޖާމިނުވުމުގެ ސިޔާސަތެކެވެ. މިސިޔާސަތުތަކުގެ ސަބަބުން އެގައުމުތަކަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރްސަތު އެމެރިކާއަށް ލިބެއެވެ. އަދި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރްސަތު އެގައުމުތަކަށް ނުދީ ނިއުކްލިޔަރ ހަތިޔާރުގެ މޮނޮޕޮލީ އެމެރިކާއަށް ކޮންޓްރޯލް ކުރެވެއެވެ. ނަމަވެސް މިއީ އެމެރިކާގެ ޚަޒާނާއިން ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ ސިޔާސަތެކެވެ. އެމެރިކާގެ އިގްތިސާދަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެނަމަ މިސިޔާސަތުތައް އެމެރިކާއަށް ކުރިޔަކަށް ނުގެންދެވޭނެއެވެ. އަދި ކުރިޔަށްއޮތްތަނުގައިވެސް މިސިޔާސަތުތައް ދެމެހެއްޓުމަށް އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ޓްރަމްޕަށް ނުސީދާގޮތެއްގައި ބަހުގެ ހަމަލާތަކެއް ދެއްވައި އޭނާއަކީ ތަންދޮރުދަންނަ ބޭފުޅެއް ނޫންކަމަށް ސިފަކުރައްވާފައެވެ. ޓްރަޕްމްގެ ހަރުކަށި އަދި ދެއުޅި އެއްނުވާ ވާހަކަތަކާއެކު އެމެރިކާގެ ހަރުމީހުންގެ ނުރުހުން އޭނާއަށް އަމާޒުވިނަމަވެސް އެމެރިކާގެ ހަރުކަށި ވިސްނުމުގެ ދޮންމީހުންގެ ތާއީދު އޭނާއަށް ވަރަށް ބޮޑުކަން ޚިޔާލު ހޯދުމުގެ ސާވޭތަކުންވަނީ ހާމަވެއެވެ. (ނޫސްއެޖެންސީތައް)