03 Apr 2016, 21:29
ނޫސްވެރިންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން އެމީހުންގެ އުދާސްތައް އަޑުއަހާލަން ފޯރަމެއް ބާއްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނިންމައިފި އެވެ.
ނޫވެރިކަމަށް ކުރިމަތިވެފައިވާ ގިނަ މައްސަލަތަކަކާ ގުޅިގެން މިއަދު ބައެއް މީޑިއާތަކުގެ ނޫސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ. އަދި އެ އިހުތިޖާޖުގެ ތެރޭގައި ބައެއް ނޫސްވެރިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެކަމާ ގުޅިގެން މިއަދު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މީޑިއާ ކައުންސިލުގެ ރައީސް މުހައްމަދު އާސިފް (މުންދު) ވިދާޅުވީ ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މިއަދު ނޫސްވެރިން އިހުތިޖާޖަށް ނުކުތީ ވަރަށް ގިނަ އުދާސްތަކެއް ހިތުގައި އުފެދިގެން ކަމަށާއި އެ އެއްވުމަކީ އުދާސްތައް ބޭރުކޮށްލަން ބޭއްވި އިހުތިޖާޖެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެއީ އެއްގޮތަކަށް ވެސް ސިޔާސީ އެއްވުމެއް ނޫންކަމުގެ ޔަގީންކަން އަރުވާކަމަށް މުންދު ވިދާޅުވި އެވެ.
ނޫސްވެރިން މިއަދު އިހްތިޖާޖު ކުރީ އެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށާއި ހަމައެކަނި މައްސަލައަކީ އެއްވުން މަނާ ސަރަހައްދެއްގައި އިހުތިޖާޖު ކުރުން ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެއްވުން މަނާ ސަރަހައްދެއްގައި ތިބެގެން އެފަދަ އަޑުއުފުލުމެއް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި އެފަދަ ކަންތައްތައް ނޫސްވެރިން ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ އިހްތިޖާޖުން 12 ނޫސްވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.
ޒުވާން ނޫސްވެރިންތަކެއް އިސްނަގައިގެން މިއަދު އިހްތިޖާޖުކޮށްފައި ވަނީ ނޫސްވެރިންނަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެންނެވެ. ނޫސްވެރިން މިއަދު ކުރި އިހްތިޖާޖުގައި ބޮޑަށް އަޑުއުފުލާފައި ވަނީ "ހަވީރު" ނޫސް ހުއްޓިފައި އޮތް މައްސަލަ އާއި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލާގަ އެވެ. އަދި ނޫސްވެރިކަން ކުރެވޭނެ ފަހި މާހައުލެއްގައި ރާއްޖޭގައި ތަނަވަސްވެފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް ނޫސްވެރިން މިއަދު ވަނީ ފާޅުކޮށްފަ އެވެ. އަދި އެހެންމެ "ފޭލުވެފައި ތިބި" މީހުންނާއި ސިޔާސީ އަދި ޕާޓީތަކުގެ އެކްޓިވިސްޓުން ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަން ކުރާ މައްސަލަ ވެސް ނޫސްވެރިން ފާހަގަ ކުރި އެވެ.