05 Apr 2016, 09:49
ފެމެލީ ކޯޓުގެ ފޯން ލައިންތަކަށް ދިމާވި މައްސަލަތައް މިހާރު ހައްލުކޮށްފައިވުމާ އެކު ކުރިއާ އެއްގޮތަށް ކައިވެނިކޮށްދިނުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ފެމެލީ ކޯޓުގެ ފޯންލައިންތައް ކެނޑި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކައިވެނިތައް ކޮށްދިނުމަށް ވަނީ ދަތިތަކަކާއި ކުރިމަތިވެފަ އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދު ޖަލީލު މިއަދު ސަން އަށް ވިދާޅުވީ، ފެމެލީ ކޯޓުގެ ފޯންލައިންތަކަށް ދިމާވި މައްސަލަތައް މިހާރު ހައްލުކޮށް ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
ފެމެލީ ކޯޓު ކައިވެނީގެ ރަޖިސްޓާ އަހުމަދު އަބްދުﷲ މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ ހައްލުވުމާ އެކު ކުރިއެކޭ އެއްގޮތަށް ކައިވެނިކޮށްދިނުމުގެ ކަންކަން މައްސަލައެއް ކުރިމަތިނުވެ ހިނގަމުން އަންނަ ކަމަށެވެ.
ފޯނުލައިންތަކުގެ ހިދުމަތް ކެނޑިފައި ހުރުމުގެ ސަބަބުން އެކޯޓުން ރަށު ކޯޓުތަކަށް ފޮނުވާ ފެކްސްތަކަށް ޖަވާބު ނުލިބުމުގެ ސަބަބުން ކައިވެނީގެ ރެކޯޑު ސާފު ނުކުރެވޭވޭތީ ތާވަލު ކޮށްފައިވާ ބައެއް ކައިވެނިތައް ކުރުމަށް އިއްޔެއާ ހަމައަށް ވަނީ ބުރޫ އަރައިފަ އެވެ.