ސާބިތު ނުހިފޭ ވާހަކަތައް ދައްކައި، މީހުންގެ އަބުރަށް އަރައިގަނެވިފައިވާނެ ކަމަށާއި އެކަން އިސްލާހުކުރަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ނިހާން އެގޮތަށް ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލާ ގުޅޭ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއެކު ބޭއްވި މަޝްވަރާތަކަށްފަހު މަޖިލީހުގެ އިދާރާގެ ބޭރުގައި މީޑިއާތަކާ ވާހަކަދައްކަމުންނެވެ.

ނިހާން ވިދާޅުވީ ޓީވީތަކާއި ނޫސްތައް މެދުވެރިކޮށް ސާބިތު ނުހިފޭ ވާހަކަތައް ކުރިން ދެއްކިފައިވާނެ ކަމަށާއި އެކަންތައްތައް އިސްލާހުކުރަން ބޭނުންވަނީ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލުގެ ތެރެއިން ކަމަށެވެ.

އަޅުގަނޑަކީ ވެސް އަބުރާ ބެހުމުގެ މައްސަލަތަކުގައި ބައިވެރިވެފަ ހުރި މީހެއް. އަޅުނގަޑުވެސް ހުންނާނެ ސާބިތު ނުހިފޭ ވާހަކަ ޓީވީތަކުގަ އާއި ނޫސްތަކުގައި ދައްކާފަ. އަޅުނގަޑު ވެސް ބޭނުމޭ އަމިއްލަ ނަފްސު ވެސް އިސްލާހުކުރަން،އަހުމަދު ނިހާން ހުސައިން މަނިކު، މަޖިލީހުގެ މެޖޯރިޓީ ލީޑަރު

މީީޑިއާ ކައުންސިލާއެކު ބޭއްވި މަޝްވަރާތަކަށްފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވީ، އަބުރާ ބެހުމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ގާނޫނެއްގެ ތެރެއިން އެކަންތައްތަކަށް ހައްލު ލިބެން ބޭނުންވާ ކަމަށެވެ. އަބުރުގެ ދައުވާ ކުރާ މީހުންނަށް ބަދަލުގެ ގޮތުގައި މިހާރު ނަގައިދެވޭ ފައިސާއަކީ ކުޑަ އެއްޗެއް ކަމަށާއި ނަމަވެސް މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ސަބަބުން އެފަދަ މައްސަލަތައް ހައްލުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީޑިއާއާ ވާހަކަދައްކަމުން ނިހާން މިއަދު ވަނީ އަބުރުގެ ބިލު މަޖިލީހުން ފާސްކުރުމުގެ ކުރިން އާއްމުންގެ ވޯޓަކަށް ދިއުމުގެ އިޝާރާތެއް ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ، މިކަހަލަ ގާނޫނަށް ތާއީދުކުރާ އަދި މިފަދަ ގާނޫނެއް އޮންނަންޖެހޭ ކަމަށް ގަބޫލުފުޅުކުރައްވާ ރައްޔިތުން ވެސް ގިނަ ކަމަށެވެ. އަދި މިފަދަ ބިލަކާމެދު ރައްޔިތުން ރުހޭ މިންވަރު ބެލުމަށް އާއްމުންގެ ވޯޓަކަށް ދިއުމަކީ ވެސް އޮތް ހިޔާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މީީޑިއާ ކައުންސިލާއެކު ބޭއްވި މަޝްވަރާތަކަށްފަހު، މަޖިލީހުގެ އިދާރާގެ ބޭރުގައި ބައެއް ނޫސްވެރިންނާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުނގަޑަށް އެ އޮޕީނިއަން 'ބިލާމެދު އާއްމުންގެ ވޯޓެއް ނެގުމަށް' ގެންގުޅެވިދާނެތާ. ރާއްޖޭގެ ބައެއް ރައްޔިތުންގެ ވިސްނުން އެބަހުއްޓޭ މިގޮތަށް ބިލު ނިންމައިފިއްޔާ، މާނައަކީ ރައްޔިތުންގެ މަންދޫބުން މިތާ 'ރައްޔިތުންގެ މަޖިލިސް' މި ނިންމަނީ. މިވެސް ރައްޔިތުންގެ ނިންމުމެއް. ނަމަވެސް މިއަށްވުރެއް ފުޅާ މެންޑޭޓެއް ހޯދަން މަސައްކަތް ކޮށްލެވިދާނެތޯއޭ. މި ގާނޫނާމެދު ރައްޔިތުން ރުހެނީ ކިހާވަރަކަށްތޯ ބަލަން،" ނިހާން ވިދާޅުވި އެވެ.