06 Apr 2016, 14:20
ބްރަސްލަސް (އެޕްރީލް 6): ޔޫރަޕް މީހުން މަސްތުވާތަކެތި ގަތުމަށްޓަކައި އަހަރެއްގެ މައްޗަށް 24 ބިލިޔަން ޔުރޯ ޚަރަދުކުރާކަމަށް "ޔޫރަޕިޔަން މޮނިޓަރިން ސެންޓަރ ފޯރ ޑްރަގްސް އެންޑް އެޑިކްޝަން" އިން ބުނެފިއެވެ.
އެމަރުކަޒާއި ޔޫރަޕްގެ ފުލުހުންގެ އިދާރާ (ޔޫރޯޕޯލް) ގުޅިގެން ނެރުނު ރިޕޯޓެއްގައިވާގޮތުން މަސްތުވާތަކެއްޗަކީ ޔޫރަޕްގެ އަމަނާއި ސަލާމަތަށްއޮތް އެންމެ ބޮޑު ނުރައްކަލެވެ. މިރިޕޯޓް ނެރެފައިވަނީ މިދެފަރާތް ގުޅިގެން ބްރަސަލްސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައެވެ. މިނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން "ޔޫރަޕިޔަން މޮނިޓަރިން ސެންޓަރ ފޯރ ޑްރަގްސް އެންޑް އެޑިކްޝަން"ގެ ވެރިޔާ އެލެކްސީސް ގޮސްޑެލް ވިދާޅުވީ، ޔޫރަޕްގައި ބޮޑެތި ޖަރީމާތައް ހިންގަނީ މަސްތުވާތަކެއްޗަށް އެޑިކްޓްވެފައިވާ މީހުންކަމަށާއި މަސްތުވާތަކެއްޗާއި ޖަރީމާތަކާ ވަރަށްބޮޑުގުޅުމެއް ވާކަމުގައެވެ.
ޔޫރޯޕޯލްގެ ވެރިޔާ ރޮޕް ވިންރައިޓް ވިދާޅުވީ ޓެރަރިޒަމްގެ ހަރަކާތްތަކާ އަދި ހިޔުމަން ޓްރެފިކިންގެ ޖަރީމާތަކާ މަސްތުވާތަކެތީގެ ވިޔަފާރީއާ ގުޅިފައިވާކަމުގައެވެ. މިއީ ޔޫރަޕް މީހުން މަސްތުވާތަކެތި ގަތުމަށްޓަކައި އަހަރެއްގެ މައްޗަށް ކުރާ ޚަރަދުތައް ބެލުމަށްފަހު މިދެއިދާރާއިން މިކަން ހާމަކުރި ފުރަތަމަ ފަހަރެވެ. އަދި ޔޫރަޕްގެ ދެމިއޮތުމާއި ޔޫރަޕްގެ ގައުމީ ސަލާމަތާއި މަސްތުވާތަކެއްޗާ ހުރިގުޅުންހުރި މިންވަރު ޔޫރަޕްގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ފުރަތަމަ ފަހަރުވެސް މެއެވެ. ޔޫރަޕް މީހުން މަސްތުވާތަކެތީގެ ގޮތުގައި އެންމެ ގިނައިން ބޭނުންކުރަނީ ކެނަބިސްއެވެ.
ޔޫރަޕިޔަން މޮނިޓަރިން ސެންޓަރ ފޯރ ޑްރަގްސް އެންޑް އެޑިކްޝަނާއި ޔޫރޯޕޯލް އިން ނެރުނު ރިޕޯޓް ބުނާގޮތުން މިދޔައަހަރު ޔޫރަޕް މީހުން 22 މިލިޔަންޓަނުގެ ކެނަބިސް ބޭނުންކޮށްފައިވެއެވެ. އަދި ޔޫރަޕްގެ ކޮންމެ ސަތޭކަ މީހެއްގެ ތެރެއިން އެކަކީ ކޮންމެދުވަހަކު ކެނަބިސް ބޭނުންކުރާމީހުންނެވެ. ޔޫރަޕަށް އެންމެ ގިނައިން މަސްތުވާތަކެތި ފޮނުވާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ވަނީ އަފްޣާނިސްތާނެވެ.
އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއި އެނޫންވެސް ހަނގުރާމަވެރި ޖަމާއަތްތަކުގެ ބަޖެޓްގެ ބޮޑުބައި ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެންކަމަށް ވެއެވެ. އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނަށް މުސާރަދިނުމާއި ހަތިޔާރު ހޯދުންފަދަ ކަންކަމަށް ބޭނުންވާ އެތަށް ސަތޭކަ މިލިޔަން ޑޮލަރު ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ކަމަށް ވެއެވެ. މިޖަމާއަތްތަކުން ކުރާ މަސްތުވާތަކެތީގެ ވިޔަފާރީގެ މައިގަނޑު ބައިވެރިއަކީ ޔޫރަޕްގެ ޑްރަގް ލޯޑުންނެވެ.
އަފްޣާނިސްތާނުގެ ޖަމާއަތްތަކުން ޔޫރަޕަށް ފޮނުވާ މަސްތުވާތަކެތީގެ ބޮޑުބައި ދަނީ އީރާނާއި އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގުގައި ހަރަކާތްތެރިވާ ޑްރަގް ލޯޑުންނާއި ސްމަގްލިން ނެޓްވާކްތައް މެދުވެރިކޮށެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މިފަދަ ނެޓްވާކްތަކަށް ނިސްބަތްވާ މީހުންނަށް އީރާނުން ވަރަށް ގިނައިން މަރުގެ އަދަބު ދެއެވެ. (އަލްޖަޒީރާ)