ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާ ލިޔުންތައް ހައިކޯޓުން އަދިވެސް ލިބިފައިނުވާ ކަމަށް ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ނިންމައި ހައިކޯޓުން އެހުކުމް ދަމަހައްޓަން ތާއީދުކޮށްފައި ވަނީ 15 މާޗް ގައެވެ. ނާޒިމްގެ ވަކީލު ވިދާޅުވީ އެ މައްސަލް ނިންމި ގޮތުގެ ރިޕޯޓުތައް ހޯދުމަށް މައްސަލަ ނިންމި ދުވަހު އެދިފައިވާ ކަމަށެވެ.

ހައިކޯޓުން މިހާތަނަށް ވެސް އެ ރިޕޯޓުތައް ދީފައިނުވާ ކަމަށާއި "އެބޭފުޅުން ވިދާޅުވަނީ ރިޕޯޓުތައް ތައްޔާރުވިހާ އަވަހަށް ހަވާލު ކުރާނެ ކަމަށް" ހުސްނުއްސުއޫދު ވިދާޅުވި އެވެ.

  • ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތާ 11 މަހާއި 18 ދުވަސްވެއްޖެ

  • 18 ޖެނުއަރީ 2015: ވަޒީރުކަމުގައި ހުންނަވަނިކޮށް ނާޒިމް ގެއިން ހަތިޔާރު ފެނުނު. އޭގެ ދެ ދުވަސް ފަހުން ވަޒީރުކަމުން ވަކިކުރި
  • ނާޒިމް ހައްޔަރު ކުރީ 10 ފެބުރުއަރީ 2015 ވަނަ ދުވަހު
  • 23 ފެބުރުއަރީ 2015: ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އުފުލި
  • ނާޒިމްގެ މައްޗަށް ކުރި ދައުވާ ބަދަލުކޮށް 2 މާޗު 2015 ވަނަ ދުވަހު ނާޒިމްގެ މައްޗަށް އަލުން ދައުވާ އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި
  • 26 މާޗު 2015: ނާޒިމް 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި
  • ހައިކޯޓުގައި ހުކުމް އިސްތިއުނާފު ކުރީ 12 އޭޕްރީލް 2015ގައި
  • ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި 11 އަހަރުގެ ޖަލުހުކުމަށް ތާއީދުކޮށް އިސްތިއުނާފު މައްސަލަ ހައިކޯޓުން ނިންމާފައި ވަނީ މިއަދު (15 މާޗު 2016) ވަނަ ދުވަހު، ނާޒިމް ޖަލަށް ލާން ހުކުމް ކުރިތާ އެއް އަހަރު ފަހުން

ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ރާއްޖެއެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލާފައި ވަނީ ރާއްޖެ އަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ނުވަ ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ.