06 Apr 2016, 18:42
ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށް އުންމީދު ކުރިޔަސް، އެހާ ވަރުގަދަ ކުޅުމެއް އެ ޓީމުގެ ފަރާތުން ފެނިގެން ނުދިޔަ ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު ޔޮރްދާން ސްޓޮއިކޯފް ބުނެފި އެވެ.
ޗެރިޓީ ޝީލްޑްގައި ރޭ މާޒިޔާ އަތުން ނިއު ރޭޑިއަންޓް ބަލިވެފައި ވަނީ 1-0 ލަނޑުންނެވެ. މިދިޔަ އަހަރު ވެސް މާޒިޔާ އަތުން ޗެރިޓީ ޝީލްޑް މެޗުގައި ނިއު ވަނީ ބަލިވެފަ އެވެ.
މެޗަށްފަހު 'ސަން' އަށް މައުލޫމާތުދެމުން ސްޓޮއިކޯފް ބުނީ، މެޗުން ބަލިވީ މޮޅަށް ކުޅުނު ޓީމު ކަމަށާއި މެޗުގައި ނިއުއިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވާނެ ކަމަށެވެ.
"މެޗުން ބަލިވީ ރަނގަޅަށް ކުޅުނު ޓީމު. އަހަރެންނަށް ކުރިން އުންމީދުކުރީ އެއަށްވުރެ ރަނގަޅު ކުޅުމެއް މާޒިޔާގެ ފަރާތުން ފެންނާނެ ކަމަށް. މާޒިޔާއަކީ ރަނގަޅު ޓީމެއް. އެކަމަކު މެޗުގައި އެއަށްވުރެ ރަނގަޅު ކުޅުމެއް އެ ޓީމަށް ދެއްކޭނެ. ގިނަ ފުރުސަތުތަކެއް ހޯދީވެސް އަހަރެމެން. އަހަރެމެންނަށް ތިން، ހަތަރު ވަރަކަށް ހުސް ފުރުސަތުތަކެއް ލިބުނު،" އޭނާ ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ނިއު އާއި މާޒިޔާ ކުޅުނު ޗެރިޓީ ޝިލްޑް މެޗުގެ ތެރެއިން: އެ މެޗުން މާޒިޔާ މޮޅުވީ 1-0 ލަނޑުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ރޭގެ މެޗުގެ ދެވަނަ ހާފުގައި ސްޓޮއިކޯފް ވަނީ އިއްޒަތު އަބްދުލް ބާރީގެ ބަދަލުގައި ހުސައިން ލަމްއާން އިބްރާހިމް ކުޅެން އަރުވައިފަ އެވެ. ލަމްއާން އަކީ މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ށ. ފޯކައިދޫ ޓީމުން ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ. އޭނާގެ ފަރާތުން ރޭގެ މެޗުގައި އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ.
ސްޓޮއިކޯފް ބުނީ، މެޗުގައި ގެނެވުނު ބަދަލާމެދު ހިތްހަމަނުޖެހޭ ކަމަށާއި މާޒިޔާއިން ލަނޑު ޖަހާފައި ވަނީ ވެސް އެ ބަދަލަށްފަހު ކަމަށެވެ. އަދި މެޗުގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)ގެ ކުޅުން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ. ރޭގެ މެޗުގައި އާންމުކޮށް ލެފްޓް ބެކެއްގެ މަގާމަށް ކުޅެމުންދާ ހޮކޭ ބޮޑަށް ފެނުނީ ނިއުގެ މެދުތެރެއިންނެވެ.
"އަހަރެން ލަމްއާން ކުޅެން ނެރުނިން. އެކަމަކު އޭނާގެ ކުޅުމާމެދު އަހަރެން ހިތްހަމައެއް ނުޖެހޭ. އެ ބަދަލަށްފަހު މާޒިޔާއިން ލަނޑުޖެހީ. އަހަރެންނަށް އެހެން ބަދަލެއް ގެނެވުނު ނަމަ، ރަނގަޅުވީސް. މެދުތެރޭގައި ހޮކޭ ވަރަށް ރަނގަޅު ކުޅުމެއް ދެއްކި،" ސްޓޮއިކޯފް ބުންޏެވެ.
ޗެރިޓީ ޝީލްޑްގައި މިދިޔަ ދެ އަހަރު މާޒިޔާއިން ނިއު ބަލިކުރި ނަމަވެސް، 2013 އަދި 2014 ވަނަ އަހަރު ނިއުއިން ޗެރިޓީ ޝީލްޑް އުފުލާލީ މާޒިޔާ ބަލިކުރުމަށްފަހު އެވެ.