އދ. މާމިގިލީގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މަރުކަޒެއް ގާއިމުކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަވާލު ކުރީ އެލްއެފް ކޮންސްޓްރަކްޝަން ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ އެވެ. އެހެން ނަމަވެސް އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަވާލުކުރީ ކިހާ އަގަކަށް ކަމެއް އަދި މަޝްރޫއު ނިންމަން ޖެހެނީ ކިތައް ދުވަހުގެ ތެރޭގައި ކަމެއް އެ މިނިސްޓްރީ އަކުން ނުބުނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މާމިގިލީގައި ގާއިމުކުރަނީ ދެ ބުރީގެ އިމާރާތަކާއި، އެއް ބުރީގެ ދެ އިމާރާތް ކަމަށެވެ. އަދި އެ އިމާރާތުގައި ގާއިމު ކުރާނީ ޚާއްސަ ގޮތެއްގައި ފަޔާ އެންޑް ރެސްކިއުއަށް ބޭނުންވާ ތަކެތި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް، ޚާއްސަކޮށް މާމިގިލި އެއާޕޯޓާއި ސަރަހައްދުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކަށް، ދިމާވެފާނެ ކޮންމެ ކަމެއްގައި ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ އަމާޒަކީ، ގިނަވެގެން އެއް ގަޑިއިރު ތެރޭގައި ޚިދުމަތް ފޯޜުކޮށްދިނުން ކަމަށެވެ. އެހެން ނަމަވެސް އަލިފާނުގެ ހާދިސާތައް ކުރިމަތިވާ އިރު އެކަމަށް އެޓެންޑް ކުރުމަށް ގަޑި އިރެއް ނެގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް، އަތޮޅު ތެރޭގައި އާބާދީ ބޮޑު ރަށްރަށުގައި، އަލިފާން ނިއްވުމުގެ ކަންތަކާ ގުޅިގެން އެމްއެންޑީއެފްއާ އެކު ގުޅިގެން ހަރަކާތްތެރިވާނެ އޮގްޒިލަރީ ފަޔަމެނުން ތަމްރީނު ކުރުމާއި، އެމީހުންނަށް ވަސީލަތްތައް ފޯރުކޮށްދީގެން މިކަން ކުރިޔަށް ގެންދަން،" މިނިސްޓަރު ވިދާޅުވި އެވެ.