ހދ. ކުޅުދުއްފުށީ ގެއެއް ބަލައި ފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ، އެގެ ބަލައި ފާސްކޮށްފައި ވަނީ ފުލުހުންގެ އިންޓަލެޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ކޯޓު އަމުރެއްގެ ދަށުން އިއްޔެ އެ ގެ ބަލައި ފާސް ކުރި އިރު ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ލިޔުންތަކެއް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި އެ މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިއްޔެ ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. އިންނަމާދޫ އާއި ރ. މާކުރަތުގެ ހަތަރު ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފައިވެ އެވެ.