07 Apr 2016, 22:14
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި އެވެ.
މިފަހަރުވެސް އޭނާގެ މައްޗަށް އުފުލާފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގެ ދައުވާ އެވެ.
މަހުލޫފަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައި ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް މިމަހުގެ 25 ވަނަ ދުވަހުގެ 10:00 އަށް އެ ކޯޓަށް ހާޒިރުވުމަށް އަންގާފައެވެ.
އެ މައްސަލަ ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ.
އެ ދައުވާ އުފުލީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ސާފެއް ނުވެއެވެ. މުޒާހަރާއެއްގެ ތެރެއިން މަހުލޫފް ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިމުމަށް ކޯޓަށް ހާޒިރުކޮށް ނިމިގެން ކޯޓުން ނެރުނު ވަގުތު ފުލުހުންނަށް ފިލަން ދުވެފައިވާ ކަމަށް ބުނެ ވެސް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.